މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީ ހޯދުން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާއި ފަންނީ ތަޖުރިބާކާރުންނާއި އިސްވާރުންގެ ދައުރު ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި ފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި މި ފަދަ ދުވަހެއް ފާހަގަ ކުރަނީ، ސައިންސްގެ ރޮނގުން އަންހެނުންނާއި އަންހެން ކުދިން ހޯދާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް، އެކުދިންގެ ބައިވެރިވުމާއި، ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމާއި، ކުރިއެރުމާއި ކާމިޔާބީ ފާހަގަކޮށް، އެއްބާރުލުންދީ، ބާރުއެޅުމުގެ ގޮތުން ކަމުގައި ރައީސް މުޢިއްޒުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ސައިންސާއި ސައިންސްގެ ދާއިރާއިން އަންހެނުންނާއި އަންހެން ކުދިން، އީޖާދީ އަދި ވިލުންތެރި ގޮތެއްގައި ބާރުވެރިކުރުވައި، މަސައްކަތްތެތިކަމުގެ ފަންނުތަކަށް އަންނަ ހަލުވި ކުރިއެރުމުގައި އަންހެނުންގެ ބައިވެރިވުން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނުގެ މެސެޖުގައި ދެއްވާފައިވެއެވެ.
މީގެއިތުރުން ސްކޮލަރޝިޕްތަކާއި ސްޓޫޑެންޓް ލޯން ސްކީމްތަކާއި ސައިންސް، ޓެކްނޯލޮޖި، އިންޖިނިއަރިންގ އަދި މެތަމެޓިކްސް، (ސްޓެމް)ގެ ދާއިރާގެ ކޯސްތަކުން ފުރަތަމަ ޑިގްރީގެ ހިލޭ އެހީގެ ނަތީޖާއެއްގެ ގޮތުން މި ޕްރޮގްރާމްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ، ތަޢުލީމީ ދާއިރާގައި މިންތީގެ ފަރަގު ކުޑަކުރުމުގައި، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒު، ނުވަތަ އެސް.ޑީ.ޖީއަށް ވާޞިލުވެވުމީ، ތަޢުލީމީ ދާއިރާގައި މިންތީގެ ހަމަހަމަކަމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެއް ކަމުގައި ވެސް ރައީސް މުޢިއްޒުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
މިއަދަކީ، ސައިންސްގެ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިން ކުރާ މަސައްކަތަކީ އިހުތިރާމް ލިބިފައިވާ، ހުރިހާ ގޮތަކުން ވެސް އަންހެނުން ބާރުވެރި ކުރުވުމަށް އިސްކަންދީ، މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް އަހުދު ކުރެވޭ ދުވަހެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓްގައިވެސް ޕޯސްޓެއް ހިއްސާކުރައްވާފައެވެ.



