އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްގެ މަޤާމަށް އައްޔަންކުރެއްވުމަށް ހުށަހަޅާފައިވާ ނަން ރައީސް ބަދަލުކުރައްވައިފިއެވެ.
އޭސީސީގެ ރައީސްގެ މަގާމަށް އައްޔަންކުރެއްވުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާފައި ވަނީ އޭސީސީގެ މެންބަރު އަޙްމަދު ނާޝިދުގެ ނަމެވެ. ނަމަވެސް މިއަދު އެ ނިންމެވުން ބަދަލުކުރައްވައި، ކޮމިޝަންގެ މެންބަރު އަބްދުﷲ ނާޝިދުގެ ނަން ހުށަހަޅުއްވާފައިވެއެވެ. ރައީސް މުއިއްޒު މި ބަދަލު ގެންނެވި ސަބަބެއް މަޖިލީހަށް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައެއް ނުވެއެވެ.
އޭސީސީގެ ނައިބު ރައީސްގެ މަޤާމު ހުސްވެފައިވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ. އޭރު އެ މަޤާމުގައި ހުންނެވި އަބްދުއްސަލާމް އަދި ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އިސްތިއުފާ ދެއްވާފައިވަނީ އެ ދެ މެންބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަޖިލީހުން ތައްޔާރުވަމުންދަނިކޮށެވެ.
މިއީ އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސްއަށް ލިބިދޭގޮތަށް ގާނޫނަށް ގެނެވުނު އިސްލާހަށްފަހު، އެ މަޤާމަށް މީހަކު އައްޔަންކުރެއްވުމަށް ހުށަހަޅުއްވާ ފުރަތަމަ ފަހަރެވެ.
މިހާރު އޭސީސީގައި ތިއްބެވި ފަސް މެންބަރުންގެ ތެރޭގައި ހިމެނެނީ އާދަމް ޝާމިލް (ރައީސް)، ޝިޔާމާ މުހައްމަދު، ޝަޒްނާ ހާޝިމް، އަބްދުﷲ ނާޝިދު އަދި އަޙްމަދު ނާޝިދެވެ.



