ދެ ބޮންޑެޑް ވެއަރހައުސްއަކުން ކަސްޓަމްސްއަށް ދައްކަންޖެހޭ ރުފިޔާ ހޯދުމަށްޓަކައި، އެ ދެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ކަސްޓަމްސްގެ ބަޔާނަކަށް ހަވާލާދީ ބުނީ އެގްޒޯޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއަރހައުސްއިން 575 ކޭސް ސިނގިރޭޓް އަދި އެސްޖީއެމް ބޮންޑެޑް ވެއަރހައުސްއިން 250 ކޭސް ސިނގިރޭޓާއި 130 ކޭސް ޕައިޕް ޓޮބޭކޯ ވަނީ ގަވާއިދާ ޚިލާފަށް ނެރެފައިވެއެވެ. މި މައްސަލަތައް ފުލުހުންނާ ގުޅިގެން ތަޙުޤީޤު ކުރަމުންދާ ކަމަށް ވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.
މި ދެ ބޮންޑެޑް ވެއަރހައުސްގެ ރަޖިސްޓަރީ ބާޠިލުކޮށްފައިވާކަން ހާމަކޮށް ކަސްޓަމްސްއިން ބުނީ އެގްޒޯޓިކް ބޮންޑެޑް ވެއަރހައުސްއިން 47 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި އެސްޖީއެމްއިން 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަސްޓަމްސްއަށް ދައްކަންޖެހޭ ކަމަށެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިދެމައްސަލަވެސް ފުލުހުންނާއި ގުޅިގެން މިހާރު ތަހުގީގުކުރަމުންދާއިރު، މި މައްސަލައިގައި ހިމެނޭ މުދަލަށްވާ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް ވަނީ މިހާރު އެޓާނީ ޖެނެރަލްއަށް ހުށަހަޅާފައެވެ.




