ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ ދެމެދު، ސްޓެލްކޯގެ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީނުކުރުމަށް މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ. އަދި ސިވެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބައިރެޒުބައިރެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ހިނގި ބައެއް ހާދިސާތަކުގައި ސްޓެލްކޯގެ މުވައްޒަފުން ދައްކާފައިވާ ހިތްވަރުގަދަކަމާއި އިސްނެގުމުގެ ރޫހަކީ، އެމްއެންޑީއެފްގެ އެހީގައި ކުރިން ހިންގާފައިވާ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމްތަކުގެ ނަތީޖާއެއް ކަމަށެވެ. އަދި މި ފަދަ ތަމްރީނު ޕްރޮގްރާމްތަކަކީ މަސައްކަތުގެ މާޙައުލުގައާއި، ޤައުމަށް ޚިދުމަތްކުރުމުގައި އަދި އާއިލީ ދިރިއުޅުމުގައިވެސް ފައިދާކުރާނެ ޕްރޮގްރާމްތަކެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ ޙުސައިން ފަރުހާދު ވިދާޅުވީ، މި ފަހުމުނާމާގެ މަޤްޞަދަކީ ކުންފުނީގެ ތަޞައްވުރާއި މުހިންމަތާއި ސްޓްރެޓެޖިކް އަމާޒުތައް ޙާޞިލުކުރާނެ ވަރުގަދަ، އިޚްލާޞްތެރި އަދި ވަފާތެރި ޓީމެއް ބިނާކުރުން ކަމުގައެވެ.
މި ފަހުމުނާމާގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީނު ދެވޭނެ ދާއިރާތަކުގެ ތެރޭގައި ބޭސިކް ފަސްޓް އެއިޑް، ފަޔަރ އެވެއާނެސް، އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް، ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންގ، ސުވިމިންގ އެންޑް ރެސްކިއު އަދި ލައިފް ކޯޗިންގ ހިމެނެއެވެ. މީގެ އިތުރުން ފަޔަރ އެވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި އިންޖީނުގެތަކުގައި ޤާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް ފަހުމުނާމާގައި ހިމެނިފައިވެއެވެ.
ސްޓެލްކޯއިން ބުނާ ގޮތުގައި، މިހާތަނަށް ކުންފުނީގެ 668 މުވައްޒަފުން ވަނީ އެމްއެންޑީއެފްގެ އެހީގައި ހިންގާ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. އަދި މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ ހުރިހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަ ކުރުމަކީ ކުންފުނީގެ އަމާޒެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.




