ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވަސީލަތްތައް ޑިޖިޓަލައިޒް ކުރުމަށް އެހީތެރިވެދޭނެ ކަމަށް އިންޑިއާގެ ޕާލިމެންޓުގެ ދަށު މަޖިލިސް ކަމަށްވާ ލޮކް ސަބާގެ ރައީސް ޝްރީ އޯމް ބިރްލާ އިއްޔެ ވިދާޅުވެއްޖެއެވެ.
ޝްރީ އޯމް ބިރްލާ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އަބްދުއްރަހީމް އާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި އަބްދުއްރަހީމް ވަނީ އިންޑިއާގެ ޕާލިމެންޓުގައި ޓެކްނޮލޮޖީ އާއި ޑިޖިޓަލައިޒޭޝަން އަދި އޭއައި ބޭނުންކުރަމުންދާ ގޮތަށް ތައުރީފުކުރައްވާ، ރާއްޖޭގެ މަޖިލިސް ޑިޖިޓަލައިޒް ކުރުމަށް އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.
މިކަމުގައި އިންޑިއާގެ ޕާލިމެންޓުން ރާއްޖޭގެ މަޖިލީހަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ލޮކް ސަބާގެ ރައީސް ވަނީ ދެއްވާފައެވެ. އަދި ރާއްޖޭގެ މަޖިލީހުގެ އޮފިސަރުން ތަމްރީނުކުރުމަށްވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އަބްދުއްރަހީމްގެ މި ދަތުރުފުޅުގައި ލޮކް ސަބާގެ ރައީސްގެ އިތުރުން، އިންޑިއާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއާމަންއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސް ބައެއް ވެރިންނާވެސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.




