މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި 3.34 ބިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ.
މީރާއިން ހާމަކޮށްފައިވާ ގޮތުގައި މިއީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 7.7 ޕަސެންޓް ދަށް އަދަދެކެވެ. ނަމަވެސް، މިއަހަރުގެ ޖެނުއަރީ މަހަށް ލަފާކުރެވުނު އާމްދަނީއަށްވުރެ 5 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު އާމްދަނީ ދަށްވެފައިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކޮށްފައިވަނީ، ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުގެ އާމްދަނީން ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން، އެ މުއްދަތު ފެބްރުއަރީ 2 އަށް އިތުރުކުރެވިފައިވާތީއެވެ.
އެހެންނަމަވެސް، ޖީއެސްޓީގެ އާމްދަނީ އިތުރުވެފައިވާކަމާއި، 2023 ޑިސެންބަރު 1 އިން ފެށިގެން އެއަރޕޯޓު ޓެކުހާއި ފީގެ ރޭޓު އިތުރުވުމާ ގުޅިގެން އެ ބައިން ލިބޭ އާމްދަނީ އިތުރުވެފައިވާކަން މީރާއިން ފާހަގަކޮށްފައިވެއެވެ.
ލަފާކުރެވުނު އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ގްރީން ޓެކްސް، ވަރކް ޕާމިޓް ފީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ކޯޕަރޭޓް އިންކަމް ޓެކުހުން ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ. އަދި ޖީއެސްޓީއާއި ކޯޕަރޭޓް އިންކަމް ޓެކްސް ސުންގަޑީގެ ކުރިން ދައްކާފައިވުމަކީވެސް މި އިތުރުވުމަށް މަގުފަހިކުރި ކަމެއްކަމަށް މީރާއިން ބުނެފައިވެއެވެ.
ޖެނުއަރީ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ 1.59 ބިލިއަން ރުފިޔާއާއެކު ޖީއެސްޓީއެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ 1.19 ބިލިއަން ރުފިޔާއާއެކު އާމްދަނީން ނަގާ ޓެކުހެވެ.
މީގެއިތުރުން، މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 125.49 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަންވެސް މީރާއިން ހާމަކޮށްފައިވެއެވެ.



