ދިވެހި ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ދިވެހިރާއްޖެ އާއި ޔޫއޭއީ އާ ދެމެދު މިއަދު ސޮއިކުރެވިއްޖެ އެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްފާޟިލް ޢަބްދުﷲ ފަޔާޟް ސޮއިކުރައްވާފައިވާއިރު ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ކެބިނެޓް އެފެއާޒް ފޯ ކޮމްޕެޓިޓިވްނަސް އެންޑް ނޮލެޖް އެކްސްޗޭންޖް، އަލްފާޟިލް ޢަބްދުﷲ ނަޞީރު ލޫތާ އެވެ.
ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ މަޤްޞަދަކީ ޔޫއޭއީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގެ ދަށުން ޔޫއޭއީގެ ތަޖުރިބާ ހިއްސާކޮށް، ދިވެހި ސަރުކާރުގެ މަސައްކަތުގެ ނިޒާމާއި ތަޖުރިބާތައް ތަރައްޤީކުރުމަށް އެހީތެރިވެދިނުން ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ސަރުކާރު ތަރައްޤީކުރުމާއި ޒަމާނީކުރުމުގެ ދާއިރާއިން ހިންގޭ ޕްރޮގްރާމްތަކުގައި ދިވެހި ސަރުކާރުގެ އިސް މުވައްޒަފުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވެ އެވެ.
ފާއިތުވި ތިން އަހަރުވެސް ރާއްޖެއިން ވަނީ ޔޫއޭއީ ސަރުކާރުގެ ޖީއީއީޕީގައި ބައިވެރިވެފައެވެ. ދިވެހި ސަރުކާރުގެ މުވައްޒަފުންގެ ހުނަރު އިތުރުކޮށް، އީޖާދީ މުހިންމު ކަންކަން ދަސްކޮށްދިނުމުގެ ގޮތުން ބާއްވާ މި ޕްރޮގްރާމްގައި މިހާތަނަށް ސަރުކާރުގެ 128 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށާއި، މީގެ ތެރޭގައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.


