ގަސްދުގައި މީހަކު މަރާލަން ރޭވިކަމުގެ ތުހުމަތުގައި 21 އަހަރުގެ ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގ. ރީތިމާގޭއާގެ އަބްދުﷲ އުދައްޔު ކިޔާ ޒުވާނެކެވެ.
ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރެއްގެ ދަށުން އުދައްޔު 15 ދުވަހުގެ މުއްދަތަށް އުދައްޔު ބަންދުކޮށްފައިވާއިރު އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ޖަމާޢަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި މާރާމާރީ ހިންގަން އުޅުނު ކަމުގެ ކުށެވެ.
ފުލުހުންގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި މިއީ ދެ ގްރޫޕެއްގެ ދެމެދުގައި ސިލްސިލާކޮށް ހިނގަމުންދާ މާރާމާރީތަކުގެ ތެރެއިން ބަދަލުހިފުމުގެ ގޮތުން މީހަކު މަރާލަން ރޭވި މައްސަލައެކެވެ. އުދައްޔުއަކީ މާރާމާރީ ހިންގާ ގްރޫޕަކަށް ނިސްބަތްވާ މީހެއް ކަމަށާއި، އަނެއް ގްރޫޕްގެ މީހުން ހޯދުމުގައި އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތެއްކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޯޓުގައި އުދައްޔު ބުނެފައިވަނީ އޭނާގެ ހަމައެކަނި ކުށަކީ ވަކި ބަޔަކު ދީފައިވާ ތަނެއްގައި ނިދާފައި އޮތުން ކަމަށެވެ. ނަމަވެސް އެ ތަނަކީ މާރާމާރީ ހިންގާ ގްރޫޕަކުން އެފަދަ ކަންކަން ރޭވުމަށާއި އެވުމަށާއި އެކަމަށް ބޭނުންވާ ތަކެތި ފޮރުވުމަށް ބޭނުންކުރާ ސޭފްހައުސްއެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ ކުރިންވެސް އުދައްޔުއަކީ އެ ގްރޫޕްގެ މާރާމާރީއަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 21 މީހުންގެ ތެރޭގައި ހިމެނުނު މީހެއްކަން ކޯޓު އަމުރުން އެނގެއެވެ. މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.



