ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ”ޤަޟާޢީ އަހަރު 2025“ އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސް ޤަޟާޢީ އަހަރު އިފްތިތާހުކޮށްފައިވާއިރު މިރަސްމިއްޔާތަކީ އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެވުނު މަސައްކަތްތައް ފާހަގަކޮށް، އަދި ކުރިއަށް އޮތް އަހަރުގެ ލަނޑުދަނޑިތައް ކަނޑައެޅުމުގެ މަޤްޞަދުގައި ބޭއްވޭ ރަސްމިއްޔާތެކެވެ. މީގެ އިތުރުން، މި ރަސްމިއްޔާތަކީ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުން އެއް މާހައުލެއްގައި ބައްދަލުވުމުގެ ފުރުޞަތެއް ވެސް މެއެވެ.
މި ރަސްމިއްޔާތުގައި، މުސްކުޅި ކުރެވިފައިވާ ފަނޑިޔާރުން ތަކްރީމުކުރެވުނެވެ. އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަޙްމަދު މުޢުތަޞިމް އަދުނާން ވަނީ ޤަޟާޢީ ބަޔާން އިއްވަވާފައެވެ.
ފާއިތުވި 8 އަހަރު ވެސް، 2021 ވަނަ އަހަރު ފިޔަވައި، ޤަޟާޢީ އަހަރު އިފްތިތާޙްކުރުމުގެ ޕްރޮގްރާމްގެ ގޮތުގައި ޚާއްޞަ ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ. މިއަހަރުވެސް، ފަނޑިޔާރުންގެ ޤައުމީ މަހާސިންތާގެ ނަމުގައި މަހާސިންތާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ މަހާސިންތާ އަމާޒުކުރެވިފައިވަނީ އިސްލާމިކް ފައިނޭންސިންގ އަދި ޝަރުޢީ ކޯޓުތަކުގައި ހުރި ޝަރުޢީ އަދި އިދާރީ ކަންކަން އެއްގޮތްކުރުމާ ގުޅޭ މައުޟޫތަކަށެވެ.
މި ރަސްމިއްޔާތަކީ ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށާއި، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް މުހިންމު ދައުރެއް އަދާކުރާ ޙަރަކާތެއްކަން ފާހަގަކުރެވެއެވެ.



