ގޭންގު ކުށްތަށް ހުއްޓުވުމަށް ފަރުމާކޮށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އިއްތިފާގުން މިއަދު ބަލައިގަނެ، އެ ބިލު ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލިހުން މި ބިލު ބަލައިގަތީ، ވޯޓުގައި ބައިވެރިވި 42 މެންބަރުންގެ އިއްތިފާގުންނެވެ.
އެއަށްފަހު އެ ބިލު އިތުރަށް ދިރާސާ ކުރުމަށް މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މި ބިލު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާދެއްވީ، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުސްޠަފާ ހުސެއިން އެވެ.
މިފަދަ ބިލެއް ހުށަހެޅުމުގެ އެންމެ ބޮޑު ބޭނަމަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި އަދި ބޮޑެތި ކުށްތަކުން ރައްޔިތުންނާއި މުޖުތަމައު ރައްކާތެރިކުރުމާއި ކަމާގުޅޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި، ހަރުދަނާ ގޮތެއްގައި އަދަބު ތަންފީޒުކުރުމެވެ.
– މިފަދަ ޤާނޫނު އުފެދުމުގެ ބޭނުންތައް:
° ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތަށް ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތަކަށް އަދަބު ކަނޑައެޅުން.
° އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޚާއްސަ ބާރުތަކެއް ދިނުން.
° ކުށްކުރާ ފަރާތްތައް ކުށުގެ ވެށިން ރައްކާތެރިކޮށް، ހެޔޮގޮތުގައި މުޖުތަމައުއަށް ރުޖޫއަވުމަށް މަގުފަހިކޮށްދިނުމަށް ޚާއްސަ ފިޔަވަޅުތައް އެޅުމުގެ އުސޫލުތައް ކަނޑައެޅުން.
° ކުށްކުރާ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓާކޮށް ފިޔަވަޅު އެޅޭނެ ޚާއްސަ އުސޫލުތައް ކަނޑައެޅުން.
– ބޮޑެތި ކުށްތަކުގެ ގޮތުގައި މި ބިލުގައި ބަޔާންކޮށްފައިވާ ކުށްތައް:
° މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް
° މީހުން ޓްރެފިކްކުރުމުގެ ކުށް
° ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރިކުރުމުގެ ކުށް
° ކޮއިން ނުވަތަ ކައުންޓާފީޓްކުރުމުގެ ކުށް
° ނުރައްކާތެރި ކުށް؛ އޭގެ ތެރޭގައި ހިމެނެނީ: މީހަކު މަރާލުން، މާރާމާރީ ހިންގުން، މީހަކަަށް ޖިސްމާނީ ބޮޑު އަނިޔާއެއް ދިނުން، މީހަކު ކިޑްނެޕް ކުރުން އަދި މީހަކަށް ބިރު ދެއްކުން ފަދަ ކުށްތަކަށް
° އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބު ކަނޑައެޅިފައިވާ އެންމެހާ ކުށްތައް
ގޭންގު ކުށްތަކުގެ ބިލެއް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާނެ ކަމަށާއި ގޭންގު ކުށްތައް ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.




