މީހަކު ބަނދެ، ބޯ ބާލައި، އެމީހާއަށް އަނިޔާކުރި މައްސަލައެއްގައި އުމުރުން 15 އަހަރުގެ ކުއްޖަކާއި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިމަހުގެ 11 ވަނަ ދުވަހުގެ ދަންވަރު 01:35 ހާއިރު ސ. ހިތަދޫ މައިލޯ ދަނޑު ސަރަހައްދުން ވެހިކަލްގައި ފުލުހުން ޕެޓްރޯލު ކުރަމުން ދަނިކޮށް އެ ސަރަހައްދުގައި ތިބި ބަޔަކު ދުވެފިލަން މަސައްކަތް ކުރި މަންޒަރު ފެނިފައިވާ ކަމަށެވެ.
އެހެންކަމުން އިތުރަށް ބެލި ބެލުމުން، އެ ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، ބޯ ބާލައި އެމީހަށް އަނިޔާކޮށްފައި ހުއްޓާ ފެނިފައިވާ ކަމަށެވެ.
އަނިޔާ ކޮށްފައި ހުއްޓާ ފެނިފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ ސ. ހިތަދޫ ވިޝަން ޑްރީމް / ސަމާހް ތައުފީގް (20އ.)، ސ. ހިތަދޫ ގްރޭސް / މުހައްމަދު ޔައީޝް އަޒާދު (19އ.)، ސ. ހިތަދޫ ނޫތަރި / އަޝްރަފް މުޙައްމަދު (22އ.)، ސ. ހިތަދޫ މެރީ ގާޑަން / އަލީ މާޒިން ހަސަން (20އ.) އަދި 15 އަހަރުގެ ކުއްޖެކެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ސަމާހްއާއި އަޝްރަފް 15 ދުވަހަށް ބަންދު ކުރުމަށް އަދި ޔައީޝް އާއި މާޒިން 7 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 15 އަހަރުގެ ކުއްޖާ ވަނީ ކޯޓަށް ހާޒިރު ނުކޮށް އާއިލާއާ ހަވާލު ކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




