މާލޭ ސިޓީ ކައުންސިލްގެ އާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި އެވެ.
ހޯމަ ދުވަހުގެ ރޭ ބޭއްވުނު މިރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމާއި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ ކައުންސިލްގެ އަމިއްލަ އޮފީސް އިމާރާތެއް ހުރުމަކީ އެ ކައުންސިލުން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަސައްކަތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
”މާލޭ ސިޓީ ކައުންސިލްގެ އަމިއްލަ އިމާރާތެއް ހުރުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް. ކުރެވޭ ބޮޑު އުންމީދެއް. މިއަދު ކައުންސިލްގެ މުވައްޒަފުން ތިބެން ޖެހިފައި މިވަނީ އެކި ތަންތަނުގައި. އެކަމުގެ ސަބަބުން ޚިދުމަތްތައް ދިނުމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވޭ،“ މޭޔަރު އާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން މޭޔަރު އާޒިމް ވިދާޅުވީ އާ އިމާރާތް ނިމި އެތަނުގައި މަސައްކަތް ފެށުމުން މިހާރު ދިމާވާ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ އާ އޮފީސް އިމާރާތުގެ މަސައްކަތް ނިމޭނެ ތާރީޚެއް މިވަގުތު ހާމަކޮށްފައެއް ނުވެ އެވެ.


