މީހަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި ދެމީހުންވެސް ޝަރީޢަތް ނިމެންދެން ބަންދު ކުރަން ކޯޓުން ނިންމައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އެ ރޭ 11:35 ހާއިރެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާޅެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލި ކަމަށާއި އެމީހާއަށް ހަމަލާދީފައިވަނީ ކޯރާޑިއަކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން އެއިރު ވިދާޅުވެފައިވެއެވެ.
މާރާމާރީ ހިންގި ކަމަށް ޝައްކުކުރެވޭ ދެމީހުން ހުއްޓުވައި ހައްޔަރު ކޮށްފައިވަނީ، ފިލައިގެން މާލެއަށް ދަނިކޮށް ހައިވޭއިންނެވެ. އެ ދެމީހުން ހުއްޓުވި ސަރަހައްދުން ހަމަލާދޭން ބޭނުންކުރި ކޯރާޑިއާއި ވަޅިއެއްވެސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ ހީނާމާގެ / ރުސްތުމް އިބްރާހިމް (25އ.) އާއި ބ. ގޮތިދޫ ފިނިފެންމާގެ / ސައިފުﷲ ފައިސަލް (19އ.) އެވެ.
އެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް މިދިޔަ އާދީއްތަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ރުސްތުމް ތިން ދުވަހަށް ބަންދު ކުރުމަށް އަދި ސައިފުﷲ ޝަރީޢަތް ނިމެންދެން އަދި ޝަރީޢަތުން ވަކިގޮތެއް އަންގަންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރުސްތުމްގެ ބަންދުގެ މުއްދަތު ހަމަވުމުން ކޯޓަށް މިއަދު ހާޒިރުކުރުމުން، އޭނާވެސް މިހާރު ވަނީ ޝަރީޢަތް ނިމެންދެން އަދި ޝަރީޢަތުން ވަކިގޮތެއް އަންގަންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.



