ރަމަޟާން މަހާ ގުޅުވައިގެން މުވައްޒަފުންނަށް އިތުރު ހަދިޔާތައް ނުދިނުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންގައިފިއެވެ.
މި އަހަރުގެ ރަމަޟާން މަސް ފެށުމަށް ގާތްވެފައިވާއިރު، ޕީސީބީ ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަ އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ ދިނުމަށެވެ.
އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މި އިނާޔަތް ލިބޭނީ އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުން އެކަނި ކަމަށް ވެސް ޕީސީބީއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ރަމަޟާން މަސް ފެށޭއިރު ”ޕޭ ލީވް“ ނުވަތަ ”ނޯ ޕޭ ލީވް“ ގައި ތިބޭ މުވައްޒަފުންނަށް މި އިނާޔަތް ނުދިނުމަށް އަންގާ ޕީސީބީއިން ވަނީ މިފަދަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި މަސައްކަތަށް ނުކުމެއްޖެނަމަ، އެ ދުވަހުން ފެށިގެން މަހުގެ ނިޔަލަށް ޖެހޭ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށް އަންގާފައެވެ.
ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންނަށްވެސް ރޯދަ މަހުގެ އިނާޔަތުގެ ފައިސާ ނުދިނުމަށް ޕީސީބީން އަންގާފައިވެއެވެ.



