ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާގެ ނައިބު ރައީސް، ޝްރީ ޖަގްދީޕް ދަންޚާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޢަބްދުއްރަޙީމް އިންޑިއާގެ ނައިބު ރައީސް އާއި ބައްދަލުކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމުގެ މައްޗަށް އަލިއަޅުވާލައްވާފައިވާ ކަމަށެވެ.
މީގެއިތުރުން، ރާއްޖެއާއި އިންޑިއާގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި، ފަތުރުވެރިކަމާއި، ސަރަޙައްދީ ހަމަޖެހުން އިތުރުކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށް ވެސް އެއިދާރާއިން ބުނެފައިވެއެވެ.
މިބައްދަލުވުމުގައި އިންޑިއާގެ ނައިބު ރައީސް ވިދާޅުވީ އިންޑިއާއަކީ ރާއްޖެއިން އެހީއަށް އެދޭ ކޮންމެ ވަގުތެއްގައި ވެސް ވަގުތުން އެހީދޭން ތައްޔާރަށް އޮތް ގައުމެއް ކަމަށެވެ.
މޯލްޑިވްސް – އިންޑިއާ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންނަށާއި ދިވެހި ވަފުދުގެ ހުރިހާ މެންބަރުންނަށް ވެސް މަރުހަބާ ވިދާޅުވެ، ދެގައުމުގެ ދެމެދުގައިވާ މިއެކުވެރިކަން އަބަދުވެސް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި މަޖިލީހުގެ ރައީސް ވަނީ ރާއްޖެ ވަޑައިގަތުމަށް އިންޑިއާގެ ނައިބު ރައީސްއަށް ދައުވަތު އަރުވާފައެވެ.



