ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އަންގައިފިއެވެ.
ޕީސީބީން މިއަދު ނެރުނު ސަރކިއުލަރއެއްގައި ބުނެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ދައުލަތުގެ ޚަރަދުތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މި މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުތައް ވީހާވެސް ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
– ކޮންމެހެން ބޭނުންވާ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ވަގުތީގޮތުން ހުއްޓާލުން
– ބޭރު ޤައުމުތަކަށް ކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަޤްވާމީ ވިޔަފާރި ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން
– ދިގު ދަތުރުތަކުގައި ފަސްޓް ކްލާހުގައި ދަތުރުނުކުރުން
– އަތޮޅުތެރެއަށް ކުރާ ދަތުރުތަކުގައި ފެރީގެ ޚިދުމަތް ބޭނުންކުރުން
– އިތުރު މުވައްޒަފުން ނުނެގުމާއި މުސާރައާއި އިނާޔަތްތަކަށް ބަދަލު ނުގެނައުން
– އިތުރުގަޑީގެ މަސައްކަތް މަދުކުރުން
– ޑޮލަރުން މުސާރަ ދިނުން ހުއްޓާލުން
– ތަމްރީނު ޕްރޮގްރާމްތަކުގައި ކުންފުނީގެ އަމިއްލަ މުވައްޒަފުން ބޭނުންކުރުން
– އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު ޚަރަދު ކުޑަކުރުން
– ކަރުދާހާއި ސްޓޭޝަނަރީއަށް ކުރާ ޚަރަދު ކުޑަކުރުން
– އިވެންޓްތަކުގެ ރިފްރެޝްމަންޓަށް ކުރާ ޚަރަދު ކުޑަކުރުން
– ސީއެސްއާރު އަދި ސްޕޮންސަޕޮންސަރޝިޕްތަކަށް ކުރާ ޚަރަދު މަދުކުރުން
ސަރުކާރުން މިފިޔަވަޅުތައް އަޅަން ނިންމާފައިވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ އަދި މާލިއްޔަތު ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙީ ފިޔަވަޅުތައް އަވަހަށް ތަންފީޒު ކުރުމަށް ގޮވާލާފައެވެ.



