މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު މަޖީދު (މެޒޯ މުޙައްމަދު) މިއަދު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެޒޯ މުޙައްމަދު ނިޔާވެފައި ވަނީ އޭނާއަށް ހާޓްއެޓޭކެއް ޖެހިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެމަޖެންސީކޮށް ފަރުވާދެމުން ދަނިކޮށެވެ.
މެޒޯ މުޙައްމަދު މިއުޒިކުގެ މައިދާނަށް ނިކުމެފައި ވަނީ 1977 ވަނަ އަހަރު ކްލަބް ކޯބްރާސް މެދުވެރިކޮށެވެ. އޭގެ ފަހުން، ރާއްޖޭގެ މިއުޒިކުގެ ދާއިރާއަށް އޭނާ ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާއިރު، މެޒޯ ވަނީ އޭނާގެ އަމިއްލަ އެތަށް ލަވައެއް އުފައްދާފައެވެ.
”މެޒޯ ބޭންޑް“ ގެ ނަމުގައި މެޒޯ މުޙައްމަދު އުފައްދަވާފައިވާ މިއުޒިކް ބޭންޑަކީ ރާއްޖެއިން ބޭރުގައިވެސް މަގުބޫލުކަން ލިބިފައިވާ ބޭންޑެކެވެ. މި ބޭންޑުން އައިޓީބީ ބާލިން ޓޫރިޒަމް ފެއާގައި ތިން ފަހަރު ރާއްޖެ ތަމްސީލުކޮށްފައިވާއިރު، ރާއްޖޭގެ މިއުޒިކުގެ ދާއިރާގައި 33 އަހަރަށްވުރެ ގިނަ ދުވަހު ހޭދަކުރުމުން 2010 ވަނަ އަހަރު އޭނާއަށް މިއުޒިކުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ވެސް ވަނީ ލިބިފައެވެ.




