ފުލުހުންނަށް ވޭޕްގެ އާލަތްތައް އަތުލައި ނައްތާލުމުގެ ބާރު ލިބޭގޮަތަށް ކަނޑައަޅައި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ އާންމު ގަވާއިދު އާންމުކޮށްފިއެވެ.
ހެލްތް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ މި ގަވާއިދުގެ ދަށުން، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ އެކްސެސަރީސް ބޭނުންކުރަނިކޮށް ނުވަތަ އަތުގައި ބަހައްޓައިގެން ހުއްޓާ ފެނިއްޖެނަމަ، އެތަކެތި އަތުލުމުގެ ބާރު ފުލުހުންނަށް ލިބިގެންވާނެ ކަމަށް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގައި މިފަދަ އެއްޗެއް ފެނިއްޖެނަމަ، އެތަކެތި ވެސް އަތުލެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މިގޮތަށް އަތުލެވޭ ތަކެތި އަނބުރާ ވެރިފަރާތަށް ނުދެވޭނެ ކަމަށާއި އެތަކެތި ނައްތާލެވޭނެ ކަމަށްވެސް މިގަވާއިދުގައި ބުނެފައިވެއެވެ.
ގަވާއިދުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ގަވާއިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެއެވެ. އެގޮތުން، ވޭޕްގެ އާލާތެއް ގެންގުޅޭނަމަ 2,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެތަކެތި ފުލުހުންނަށް ހަވާލުކުރަން އިންކާރުކޮށްފިނަމަ 50,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އަދި ވިޔަފާރި ޝަޚްޞިއްޔަތަކުން މިކަމަށް އިންކާރުކޮށްފިނަމަ، އެ ވިޔަފާރިއެއް 100,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.




