ހުސްވި އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި ކްރިމިނަލް ކޯޓުން 20 މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުން އާއްމުކޮށްފައިވާ އެކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އެކޯޓުން ނިންމާފައިވާ މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެގެން 20 މީހަކު އުމުރަށް ޖަލަށްލާން ޙުކުމްކޮށްފައިވާއިރު މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހަތް މީހަކު ވަނީ 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
މީގެއިތުރުން، މި މައްސަލަތަކާ ގުޅިގެން 10.2 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދެއްކުމަށް ވެސް އެކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
ކްރިމިނަލް ކޯޓުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހުސްވި އަހަރު އެކޯޓުން މަސްތުވާތަކެތީގެ ޖުމްލަ 137 މައްސަލައެއްގައި ވަނީ ޙުކުމްކޮށްފައެވެ.
ކްރިމިނަލް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި މީގެތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ޝަރީއަތުގައި އިއުތިރާފުވުމުން، ފަރުވާގެ ފުރުސަތު ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ޑްރަގް ކޯޓަށް ހުށަހެޅުމަށްޓަކައި އަނބުރާ ގެންގޮސްފައިވާ މައްސަލަތަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ދައުވާ މުރާޖައާ ކުރުމަށްފަހު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި އަނބުރާ ގެންގޮސްފައިވާ މައްސަލަތައް ހިމެނެއެވެ.
”ނިމިދިޔަ އަހަރު، ކޯޓުން މައުޟޫއީ ގޮތުން ބަލައި ހުކުމް ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން، ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފައި ވަނީ ހަތް މައްސަލައެއްގައި. އެހެންކަމުން ކޯޓުން ހުކުމްކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 95 ޕަސަންޓަށްވުރެ ގިނަ މައްސަލަތަކަކީ ސާބިތުވެގެން ނިންމާފައިވާ މައްސަލަތައްކަން ފާހަގަކުރެވޭ،“ އެ ކޯޓުން ބުންޏެވެ.




