މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ދެ މަޤާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ދެ މަޤާމަކީ އާންމު މެންބަރެއްގެ މަޤާމާއި މީޑިއާތައް ތަމްސީލުކުރާ މެންބަރެއްގެ މަޤާމެވެ.
ޔޫތު މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. މި ދެ މަޤާމަށް ހޮވޭ މެންބަރުންގެ ދައުރަކީ ދެ އަހަރު ދުވަހެވެ.
އާންމު މެންބަރުކަމަށް ކުރިމަތިލެވޭނީ މީޑިއާގެ ދާއިރާގައި މަސައްކަތް ނުކުރާ ފަރާތްތަކަށެވެ. އަދި ކައުންސިލްގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާކޮށްފައިވާ ފަރާތްތަކަށް މި ފަހަރު ކުރިމަތިނުލެވޭނެ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
އާންމު މެންބަރުންގެ ގޮތުގައި ހޮވުމުގައި، ޤާނޫނީ ދާއިރާ، ދިވެހިބަހުގެ ދާއިރާ، އިންސާނީ ޙައްޤުތަކުގެ ދާއިރާ ނުވަތަ ދީނީ އިލްމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.



