ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިންގް ޕްރޮޑަކްޓްތަކަށް މުހިންމު އަދި ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި މިބަދަލުތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް ފައިނޭންސިންގްގައި އިކުއިޓީ 30 އިންސައްތަ އިން 20 އިންސައްތައަށް ދަށްކުރުމާއި، ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން ހިމެނެއެވެ.
މީގެ އިތުރުން، ދިގު މުއްދަތަށް ކުއްޔަށް ހިފުމަށާއި، ކޮންޓްރެކްޓަރުންނާއި، ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި، ކުންފުނިތަކާއި، މުއައްސަސާތަކަށްވެސް ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާއެކު ފައިނޭންސިންއަށް ހުށަހެޅޭނެގޮތް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ބީއެމްެއެލްއިން ހާމަކޮށްފައިވާ ގޮތުގައި ގެސްޓްހައުސް ފައިނޭންސިންގްގައިވެސް މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ހަމަޖައްސާފައިވާއިރު، ގެސްޓްހައުސް ހިންގާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ 11 އިންސައްތަގެ ރޭޓުން އަދި އަލަށް ފަށާ ގެސްޓްހައުސްތަކަށް 12 އިންސައްތަގެ ރޭޓުން ފައިނޭންސިންގް ލިބޭނެއެވެ.
ވޯކިންގ ކެޕިޓަލް ފައިނޭންސިންގްގައި ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ފައިނޭންސިންގް ނެގޭ ގޮތް ހަމަޖައްސާފައިވާއިރު، ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޝަރުތުތައް ލުއިކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެފައިވަނީ، ”މި ބަދަލަކީ ދިވެހި ވިޔަފާރިތަކަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ހާމަވާ މުހިންމު ބަދަލެއް“ ކަމަށެވެ.
އަދި ”ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގް ހޯދަން ފަސޭހަ ކޮށްދިނުމަށް ގިނަ ޝަރުތުތަކެއް ލުއިކޮށް، ބޭންކުން މިދަނީ ވިޔަފާރިތައް ކުރިއަރުވައި ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމިތިބެވޭނެ ފުރުސަތު ފަހިކޮށްދެމުން“ ކަމަށް ޝަރީފް ވިދާޅުވިއެވެ.


