އިއްޔެ މުޅި ރާއްޖެ ސިއްސުވާލި އެއް ޚަބަރަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު މާޖިދު، އާންމު ނަމުންނަމަ މެޒޫ މޯޑު، ކުއްލި ގޮތަކަށް ނިޔާވި ޚަބަރެވެ.
ހާޓް އެޓޭކެއް ޖެހިގެން އިއްޔެ އައިޖީއެމްއެޗް ގައި މެޒޯ މޯޑު ނިޔާވިއިރު އުމުރުން 59 އަހަރެވެ. އަބަދުވެސް ވަރަށް ”ފިޓުކޮށް“ ހުންނަކަމަށް ފެންނަމުންދިޔަ މެޒޯ މޯޑު ކުއްލި ގޮތަކަށް ނިޔާވުމުން މުޅި ރާއްޖެއަށް ލިބުނީ ސިހުމެކެވެ.
މިޔުޒިކުގެ ދާއިރާގައި މެޒޯ މޯޑަކީ އޭނާގެ ނަން ފަނޑުވެގެން ނުދާނެ ލެޖެންޑެކެވެ. ކުރިން ދިން އިންޓަވިއުއެއްގައި އޭނާ ބުނިގޮތުގައި އުމުރުން އެންމެ ހަތް އަހަރުން ފެށިގެން އޭނާ ވަނީ މިޔުޒިކީ ދުނިޔެއާއި ގުޅިފައެވެ. އެއިރުގެ މަޝްހޫރު ކްލަބެއް ކަމަށްވާ ”ކްލަބް ކޯބްރާސް“ އާއެކު މިޔުޒިކީ ހަޔާތް އޭނާ ފެށީ ގާޑިޔާތަކުގައި ޢީދު ޝޯ ދެމުން ކަމުގައި މެޒޯ މޯޑު ބުންޏެވެ.
އެއަށްފަހު މިޔުޒިކީ ދާއިރާގައި ކުރިއަށްދަމުން ގޮސް، ނުވަ ދިހައިގެ އަހަރުތަކުގައި އުފެދުނު ”މެޒޯ“ ގްރޫޕުގެ މެންބަރެއްގެ ގޮތުގައި އޭނާ ވެސް ހިމެނުނެވެ. އެ ގްރޫޕުގައި ހަރަކާތްތެރިވީއިރު ވެސް އޭނާ ކިޔާފައި ހުރި ލަވަތައް އެންމެންނަށް ވެސް ނުހަނު ކަމުދިޔައެވެ. އެ ލަވަތަކުގެ ތަފާތުކަމާއި އަމިއްލަވަންތަކަމުން، އެ ލަވަތަކަކީ އެހާރާ މިހާރުގައި ވެސް ބައެއް މީހުން އަޑުއަހަމުންދާ، އަދި ކިޔާލަމުންދާ ލަމަތަކެކެވެ.
އޭނާގެ އެންމެ މަޝްހޫރުވީ ލަތަކުގެ ތެރޭގައި ”އެޅި ކަނޑުމަތި“، ”މަސްތު“، ”ވިސްނާ ވިސްނާ“ އަދި ”ދާނޭހެ ތިހަނދާން ފިލާ“ ގެ އިތުރުންވެސް އެތައް ލަވައެއް ހިމެނެއެވެ.
މިޔުޒިކީ ދާއިރާގެ އިތުރުން ފަހުން، ސިޔާސީ ދާއިރާގައި ވެސް ފަހުން ބަސްބުނާ މީހެއްގެ ގޮތުގައި އޭނާ ފެންނަމުން ދިޔައެވެ.
މިޒާޖުގައި މަޖާޒީ ގޮތެއް ހުންނަ، އަދި އެންމެންނާވެސް އެހާމެ ގުޅޭ މެޒޯ މޯޑުގެ ކުއްލި ވަކިވުމުގެ ސަބަބުން އޭނާއަށް ހެޔޮ ދުޢާކޮށް އެތައް ބަޔަކު އިއްޔެ ވަނީ މީސްމީޑިއާގައި ހިތާމަފާޅުކޮށްފައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ކުރީ ސަރުކާރުތަކާއި މި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ހިމެނެއެވެ. އޭގެ އިތުރުން ފަންނީ ދާއިރާގެ އެތައް ފަންނާނުންނެއް ވެސް ވަނީ މި ހިތާމައިގައި ބައިވެރިވެފައެވެ.
މެޒޯ މޯޑުގެ ވަދާއީ މޫނު ދެއްކުން އޮތީ މިއަދު 13:00 ގެ ފަހުން އިސްލާމީ މަރުކަޒުގައެވެ. އަދި ކަށުނަމާދު ކުރުން އޮތީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.



