ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ދެ އަންހެނުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގުނު އޮޕަރޭޝަނެއްގައެވެ.
ފެބްރުއަރީ 12 ވަނަ ދުވަހު ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ / މަޔާ ޕެލަސްގެ އާމިނަތު (56 އަހަރު) އާއި ފާޠިމަތު މާޔާ (25 އަހަރު) އެވެ.
އޮޕަރޭޝަނުގެ ތެރޭގައި، މި ދެ މީހުން ހައްޔަރުކުރުމާއެކު އެމީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރެވުނުކަން ހާމަކޮށް ފުލުހުން ބުނީ މި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވާކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 189.69 ގްރާމް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އާމިނަތު 5 ދުވަހަށް ބަންދު ކުރުމަށާއި ފާޠިމަތު މާޔާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



