ރައްޔިތުންގެެ މަޖިލީހުގެ ދައުރުތަކަށް ބަދަލު ގެނެސް، ކުރިޔަށް އޮތް ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދިޔުމަށް މަޖިލީހުގެ އާންމު ކޮމިޓީ އިން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ބަދަލު ގެެނެސް، ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދިޔުމަށް ގަވައިދަށް އިސްލާހު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. އޭނާ ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
މެމްބަރު ރިފާއުގެ އިސްލާހުގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ފުރަތަމަ ދައުރު ކުރިޔަށް ދާނީ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ކަމަށެވެ. އަދި ދެވަނަ ދައުރު ކުރިޔަށް ދާނީ އޭޕްރިލް މަހުގެ އެއްވަަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަަށް ކަމަށާއި، 3 ވަނަ ދަައުރު ކުރިޔަށް ދާނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް މެމްބަރު ރިފާއު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެއެވެ.
މި އަހަރުގެ ފުރަތަމަ ދައުރު ފެށީ ޖެނުއަރީ ކަމުގައިވާތީ، ދައުރު މި މަހުގެ ނިޔަލަށް ނިންމާާލާއި، ރޯދަ މަހު މަޖްލިސް ޗުއްޓީއަށް ދިޔުމަށް ވެސް އެ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
މެމްބަރު ރިފާއުގެ އިސްލާހު، ހުށަހެޅި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފައިވަނީ މިއަދު ކުރިޔަށް ދިޔަ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި އިސްލާހާއި ދެކޮޅަ އިދިކޮޅު އެމްޑީޕީ ގެ ބައެއް މެމްބަރުން ވަނީ ވާހަކަ ދައްކަވަފާއެވެ. އެގޮތުން އެ މެމްބަރުން ކުރެއްވީ ރޯދަ މަސް ވިޔަސް، އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށާއި، މެމްބަރުގެ ރިފާއުގެ އިސްލާހަށް ތާއީދު ނުކުރާ ކަމަށެވެ. ރައްދުގައި ޕީއެންސީގެ މެމްބަރުން ވިދާޅުވީ ރޯދަ މަހު މަޖްލިސް ޗުއްޓީއަށް ދިޔަ ކަމުގައި ވިޔަސް، އިސްލާހުގައި ވާގޮތުން މަޖިލީހުގެ މަަސައްކަތްތަކުން އެއްވެސް ދުވަހެއް ނުގެއްލޭނެ ކަމަށެވެ.




