ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކޮށް އިތުރަށް ކުރިއެރުވުމަށް، ފަތުރުވެރިކަމާއި ބެހޭ މިނިސްޓަރ ތޯރިގް އިބްރާހިމް، ފްލައިދުބާއީ އެއާލައިން ގެ ސީއީއޯ ޤައިތު އަލް-ޤައިތު އާއިއެކު މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިޔަށް ދިޔައީ ޑުބާއީ ގައި ހުންނަ، ފްލައިދުބާއީ ގެ ރަސްމީ އޮފީހުގައެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ތޯރިގް ވިދާޅުވީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިން އެންމެ ގިނައިން ޒިޔާރާތްކުރާ އެއް މަންޒިލުގެ ގޮތުގައި ދެމެހެއްޓުމަށް ދެފަރާތުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ.

“ ފްލައިދުބާއީ އަކީ އެތައް އަހަރެއް ވަންދެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ނުހަނު މުހިންމު ބައިވެރިއެއްގެ ގޮތުގައި އޮތް އެއާލައިނެއް “ މިނިސްޓަރ ތާރިގް ވިދާޅުވިއެވެ.
ފްލައިދުބާއީ އަކީ މަޝްހޫރު އެމިރޭޓްސްގެ ބަޖެޓް އެއާލައިނެއްގެ ގޮތުގައި އެދުހޭ އެއާލައިނެކެވެ. މި އެއާލައިނަކީ ރާއްޖެއަށް އެންމެ ގިނަ ފްލައިޓުތައް އޮޕަރޭޓް ކުރާ އެއް އެއާލައިނެވެ.



