ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިފްކޯ އިން ހިންގި ފްލެޓު މަޝްރޫޢުގެ އޮޑިޓެއް ހަދައިދޭން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން އޮޑިޓަރ ޖެނެރެލަށް އަންގައިފިއެވެ.
މަޖިލިހުން އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީއަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ސިފްކޯ ފްލެޓް މަޝްރޫއަށް އެ ކުންފުންޏަށް އެކި ފަރާތްތަކުން ލިބިފައިވާ ފައިސާ އާއި މުޅި މަޝްރޫއުއަށް ސިފްކޯ އާއި ސަރުކާރުން ކޮށްފައިވާ ހަރަދުތަކާއި ނުދައްކާ ހުރި ބިލުތަކާއި މަޝްރޫއުގެ ކޮންޓްރެކްޓަރުންނާއި ސަބް ކޮންޓްރެކްޓަރުންނަށް ދައްކާފައިވާ ފައިސާ އާއި މަޝްރޫއު ކުރިއަށް ގޮސްފައިވާ ގޮތް ހިމެނޭ ހާއްސަ އޮޑިޓެއް ހެދުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދޭ ކަމަށެވެ.
އެގޮތުން އެ މައުލޫމާތުތައް ހިމެނޭނެ އޮޑިޓު ރިޕޯޓެއް މަޖިލިހަށް ހުށަހެޅޭނެ ތާރީޚެއް އަންނަ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މަޖިލީހަށް އަންގައިދިނުމަށް ވެސް އެ ސިޓީގައި އެދިފައިވެއެވެ.
ސިފައިންގެ ފްލެޓު މަޝްރޫޢުގެ އޮޑިޓު ރިޕޯޓެއް ހެދުމަށް މަޖިލިހުން އިއްޔެ އެދިފައިވާއިރު، ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއިން ”ބްލޫ ހައުސިން“ އާ ގުޅޭގޮތުން އޮޑިޓް އޮފީހުން މިދިޔަ މަހު ވަނީ އޮޑިޓު ރިޕޯޓެއް ނެރިފައެވެ. ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާ އެ އޮޑިޓު ރިޕޯޓު މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ދަނީ ދިރާސާ ކުރަމުންނެވެ.



