ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ދަފުތަރާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން އިތުރުކޮށްފިއެވެ.
ޕީއެންސީ އަށް މެންބަރުން އިތުރުކުރުމަށް ގިނަ ބަޔަކަށް ނޭނގި އެ ޕާޓީއަށް ވައްދާފައިވާ ކަމަށާއި އެކަން ކުރީ ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.
އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ސިޔާސީ ޕާޓީތަކުގެ ދަފުތަރާމެދު ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ. ނަމަވެސް އެ މުއްދަރު ވަނީ މިދިޔަ ހޯމަ ދުވަހަށް ހަމަވެފައެވެ.
މި ކަމާ ގުޅިގެން ޕީއެންސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ޕާޓީގެ ދަފުތަރާމެދު އާންމުންގެ ޝަކުވާތައް ހުރިކަން ފާހަގަވުމާއެކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި އަހަރުގެ ޖެނުއަރީ 13ގައި އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.
މީގެ އިތުރުން އެ ޕާޓީގެ ދަފުތަރުގެ ސައްހަކަން ކަށަވަރުކުރުމާއި، ދަފުތަރު ބެލެހެއްޓުން، އިދާރީ އޮނިގަނޑުގެ ތެރެއިން އިތުރަށް ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.
އެ ގޮތުން އީސީން އާންމުކުރި ދަފުތަރާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ޕީއެންސީގެ މައި އިދާރާ، ނުވަތަ ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކަށް އަންނަ އޭޕްރީލް މަހުގެ 13ވަނަ ދުވަހުގެ 15:00ގެ ނިޔަލަށް ހުށަހެޅުމަށް އެ ޕާޓީން ވަނީ އާންމުންނަށް ފުރުސަތު ހުޅުވާލައިފައެވެ.



