ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު މާޖިދު (މެޒޯ މޯޑު) ގެ ކުއްލި ވަކިވުން، ވެގެންގޮސްފައި މިވަނީ ފަހުގެ ތާރީޚެއްގައި ގިނަ ބަޔަކަށް ކުއްލި ސިހުމެއް ލިބުނު، އަދި އެހާމެ ހިތްދަތި ގެނުވި ހާދިސާއަކަށެވެ.
ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗްގައި މެޒޯ މޯޑު ނިޔާވީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އޭނާގެ މޫނު ދެއްކުން މިއަދު މެންދުރު އިސްލާމީ މަރުކަޒުގައި ވަނީ ބާއްވާފައެވެ. އަދި ކަށުނަމާދުކޮށް ވަޅުލާފައިވަނީ ޢަޞްރު ނަމާދަށް ފަހުގައެވެ.
މެޒޯ މޯޑުގެ ޖަނާޒާގެ ފޮޓޯތައް މީސްމީޑިއާގައި އެކި މީހުން ވަނީ ހިއްސާ ކޮށްފައެވެ. އޭނާއަށް ވަދާޢީ ސަލާމް ކުރަން ގޮސްފައިވާ މީހުން އިންތިހާއަށް ގިނަކަން އެ ފޮޓޯތަކުން ހާމަވެގެން ދެއެވެ.
ނަމަވެސް އެ ފޮޓޯތަކުން ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ، ލޯބިވާ ބައްޕަ މި ފަނާވަނިވި ދުނިޔެއާ ވަކިވެގެން ދިޔުމުގެ ހިތާމައިގައި ކަރުނައަޅައި ރޮމުން ގެންދިޔަ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މެޒޯ މޯޑުގެ އަންހެން ދަރިފުޅު މީރާ މުޙައްމަދު މާޖިދު އަށެވެ.
މީރާއާއި މެޒޯ މޯޑުގެ ގުޅުމަކީ، އެގުޅުމަކުން ކޮންމެ ބަފަޔަކާއި ދަރިއަކުވެސް ލާމަސީލު މިސާލު ނެގޭނެފަދަ ގާތް ގުޅުމެއްކަމާމެދު ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. އެހެންކަމުން މެޒޯ މޯޑު މިދުނިޔެއާއި ވަކިވެގެން ދިޔުމުން، އެކަމާ އެންމެ ބޮޑަށް ހިތާމަ ކުރާނެ އެކަކީ މީރާ ކަމާމެދުވެސް ޝައްކެއް ނެތެވެ.
ބައްޕަގެ ޖަނާޒާއަށްފަހު މީރާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ވަރަށް އަސަރުގަދަ ޕޯސްޓެއް މިރޭ ހިއްސާ ކޮށްފައެވެ. އޭނާގެ ބައްޕަ، މެޒޯ މޯޑު، އާއެކު ނަގާފައިވާ ފޮޓޯތަކަކާއެކު ހިއްސާ ކޮށްފައިވާ އެ ޕޯސްޓުގައި މީރާ ބުނެފައިވަނީ، ބައްޕައާ ނުލައި އުޅޭނީ ކިހިނެއްކަމެއް އޭނާއަށް ނޭނގޭ ކަމަށާއި ބައްޕަ މިދުނިޔޭގައި މިހާރު ނެތްކަން ޤަބޫލުކުރަން އޭނާއަށް ދުވަހަކުވެސް ނޭނގޭނެ ކަމަށެވެ.
”ބައްޕަ ދެކެ އިންތިހާއަށް ލޯބިވޭ. މިވަގުތު އަހަރެން އެންމެ ބޭނުމީ ’ކޮބާ ދަރިފުޅާ‘ އޭ ކިޔާފަ ބައްޕަ ގޮވާލާ އަޑުއަހާލަން“ ނުހަނު ފުން އަސަރާއެކު މީރާ ބުނެފައިވެއެވެ.
މިރާގެ އުންމީދަކީ އޭނާގެ ލޯބިވާ ބައްޕައާ ޖަންނަތުގައި ބައްދަލުވުން ކަމުގައި ވެސް މީރާ ބުނެފައިވެއެވެ.



