ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއުއަށް ބޯޑް އޮފް އިންވެސްޓްމެންޓްސް (ބީއޯއައި) އިން ހުއްދަ ދީފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢު ހިންގުމަށް ހުއްދަ ދެވިފައި ވަނީ ހުޅުމާލެއާއި ގާތްގަނޑަކަށް 4-5 ކިލޯމީޓަރު ދުރުގައި އޮންނަ ފަޅެއްގައެވެ. މި ފަޅުގައި 100 މެގަވޮޓްގެ ފްލޯޓިން ސޯލާ ފޮޓޯވޯލްޓައިކް (ޕީވީ) ޕްރޮޖެކްޓެއް ތަރައްގީކޮށް ހިންގުމަށް ރޭވިފައިވާ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.
އެހެންނަމަވެސް، މި މަޝްރޫޢު ހިންގާ ވަކި ފަޅެއްގެ ނަން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
މި މަޝްރޫޢުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ކުރުމުގެ ހުއްދަ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އެބްރަކްސަސް ޕަވަރ ކޯޕަރޭޝަނަށް ވަނީ މިދިޔަ އޭޕްރީލް މަހު ދީފައިވާއިރު މި މަޝްރޫޢުގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަރ ސަޕްލައި ކޯ އެވެ.
މި މަޝްރޫޢުގެ ދަށުން 100 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ލިބިގެންވާ ފްލޯޓިން ސޯލާ ޕެނަލްތަކެއް ހަރުކުރުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫޢަށް ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި މި މަޝްރޫޢު ނިމުމުން ތެލަށް ކުރާ ޚަރަދުން އަހަރަކު 42 މިލިއަން ޑޮލަރު ސަލާމަތްވާނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްގެ ގޮތުގައި މި ދައުރުގެ ތެރޭގައި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ހިމެނެއެވެ.




