ކުޑަކުއްޖަކާ ޖިންސީ ޢަމަލެއް ހިންގިކަމަށް ބެލެވޭ ކުށުގައި ހުޅުމާލޭ ޖަލުގައި 25 އަހަރުގެ ޙުކުމް ތަންފީޛުކުރަމުން ދިޔަ ގައިދީއަކު ރޭ ދަންވަރު ނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން މައުލޫނާތު ދިން ގިތުގައި، ނިޔާވެފައިވަނީ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހިމް ދީދީ (67 އަހަރު) އެވެ.
ކަރެކްޝަނުން ބުނީ، އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން މެޑިކަލް ޓީމުން ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތެް ނުކުރާތީ، އޭނާ އެމަޖެންސީ ޙާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށެވެ.
ނަމަވެސް ފަރުވާ ދިނުމަށްފަހުވެސް އޭނާގެ ހަރަކާތެއް ނެތުމުން، އޭނާ ނިޔާވެފައިވާކަމަށް 2:40 ހާއިރު ކަނޑައަޅާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
”މީނާއަކީ ހައި ބަލްޑް ޕްރެޝަރ، ކޮލެސްޓްރޯލް އަދި ޓްރެމަރސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއް“ ކަރެކްޝަންސުން މައުލޫމާތު ދީފައިވެއެވެ.
އިބްރާހިމް ދީދީ ނިޔާވުމާ ގުޅިގެން ކަރެކްޝަންސުން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައި ކަމަށް އެ ހިދުމަތުން ބުނެފައިވެއެވެ.




