މާތް ﷲގެ ޙަޟްރަތުގައި އެންމެ ހެޔޮކަން ބޮޑީ ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮ ޢަމަލުތައް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
މިހާރު ވޭތުކުރަމުން މިދަނީ ޝަޢުބާން މަހުގެ ދުވަސްތައްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މި މަހަކީ ރަމަޟާން މަހަށް ތައްޔާރުވާ މައްސަރެއްގެ ގޮތުގައި ޚާއްޞަ މަހެއް ކަމަށެވެ. އަދި ޝަޢުބާން މަހުގައި އަޅުކަމުގައި ހީވާގިވުމަކީ ރަމަޟާން މަހަށް ލިބޭ ތަމްރީނެއް ކަމުގައި ވެސް ބުނެފައިވެއެވެ.
ޚުތުބާގައި އިތުރަށް ބުނީ ގިނަގިނައިން ހެޔޮ ޢަމަލު ކުރުމަކީ ގަސްދަކާނުލައި ކުރެވޭ ފާފަތަކުން މާތް ﷲ އަޅުތަކުން ސަލާމަތްކުރައްވާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ރަސޫލާ ﷺ ގެ ހަދީޘް ބަސްފުޅުތަކުން އެނގޭ ގޮތުގައި ޢާންމުކޮށް ހިފަމުންދާ ސުންނަތް ރޯދަ ފިޔަވައި، ޝަޢުބާން މަހުގެ މި ދުވަސްތަކުގައި ސުންނަތް ރޯދަ ނުހިފުމަށް އަމުރު ކުރެއްވި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ނަމަވެސް، ފާއިތުވި ރަމަޟާން މަހުގެ ރޯދަ ޤަޟާކުރުމާއި، ނަދުރު ރޯދަ ހިފުމާއި، އާދަވެފައިވާ ސުންނަތް ރޯދަތައް ހިފުން މަނާވެގެން ނުވާ ކަމަށް ވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ ޚުތުބާގައި ވޭތުވެ ދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާ ނަމަ، އެ ރޯދަ އަވަހަށް ޤަޟާކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. އަދި ރަމަޝާން މަހަށް ތައްޔާރުވުމަށް ގޮވާލާ ޚުތުބާގައި ބުނީ ރަމަޟާން މަހަށް ތައްޔާރުވުމަކީ، އިސްރާފުކުރުން އޮތްކަމެއް ނޫންކަން ކަމަށެވެ.
ޚުތުބާ ނިންމާލަމުން، ކީރިތި ޤުރްއާނާއި ސުންނަތަށް ޢަމަލުކުރުމުގެ މުހިންމުކަމާއި، ދީނީ ޢިލްމު އުނގެނުމުގެ މުހިންމުކަން ފާހަގަކޮށް، އިންސާނުންނަކީ އަބަދާއިއަބަދު ހަނދާން އާކުރުމަށް ބޭނުންވާ ބައެއް ކަމަށް ބުނެފައިވެއެވެ.




