ރަސްފަންނާއި ސަލްޓަން ޕާކުގެ ރީތިކަން އަނބުރާ ގެނެސްދެއްވައި، އެތަންތަން އިތުރަށް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ދެ ތަނަކީ ވެސް ރައީސް މުޢިއްޒު ކުރިން ހައުސިންގް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، 2017 ވަނަ އަހަރުގައި، އެމަނިކުފާނުގެ ޚާއްސަ އިސްނެންގެވުމާއި ބެއްލުވުމުގެ ދަށުން ތަރައްޤީކޮށް ގިނަ ބަޔަކަށް ކަމުދާނެފަދަ ރީތިގޮތަކަށް ބަދަލު ކުރެއްވި ދެ ތަނެވެ.
ނަމަވެސް އެއަށްފަހު އައި ސަރުކާރުން އެތަންތަން ރަނގަޅަށް ބަލަހައްޓާފައި ނެތުމުން މިހާރު މި ދެ ތަނުގެ ވެސް ރީތިކަން ހުރީ ކޮންމެވެސް ވަރަކަށް ފަނޑުވެފައެވެ.

މިކަމާ ގުޅޭގޮތުން ރައީސް މުޢިއްޒު އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި އެމަނިކުފާނު ހިތާމަކުރައްވާ ކަމަށެވެ.
”ދެ ތަންވެސް ދަނީ ވީރާނާވަމުން. މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އެހެންކަމުން މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން، މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވާލައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



