މިދިޔަ ޑިސެންބަރު މަހު ސަރުކާރުން ޓެކްސީގެ ޚިދުމަތުގެ ދާއިރާއަށް ވަނުމާ ގުޅިގެން މާލެ ސަރަހައްދުގެ ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގައި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން ޑްރައިވަރެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
މިމައްސަލަ އާއި ގުޅިގެން ޕީޖީއިން ދައުވާ ކުރުމަށް ނިންމާފައި ވަނީ މއ. ވިރާހުގެ މުހައްމަދު ޝާމިން (39 އަހަރު)، މއ. ނަހީދީ މަންޒިލްގެ މިސްބާހު ޝަރީފް (31 އަހަރު)، އަދި ހދ. ކުމުންދޫ ހޮލިޑޭވިލެޖްގެ ނުއުމާން އަހުމަދު (36 އަހަރު) ގެ މައްޗަށެވެ.
ސަރުކާރުން ޓެކްސީ ހިދުމަތް ފަށާކަން ހާމަކުރުމާއި ގުޅިގެން ޓެކްސް ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރޭގައި ޓެކްސީ ޑްރައިވަރުން ހުޅުމާލެއިން ހައިވޭއަށް އަރާ މަގު ބަންދުކުރުމުގެ ސަބަބުން ޓްރެފިކް ބްލޮކްވެ، ދަތުރުފަތުރަށް ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ 20 އެއްގަމު އުޅަނދު ޓޯކޮށްފައެވެ.




