ރޯދަ މަހަށް ޚާއްސަކޮށް އެސްޓީއޯ އިން ވަރަށް ހެޔޮ އަގުގައި މާދަމާ ކާށި ވިއްކަން ފަށަން ތައްޔާރުވެއްޖެއެވެ.
އެސްޓީއޯ އިން މިކަމާ ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ރޯދަ މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެ ކުންފުނިން ވަނީ ތައްޔާރުވެފައި ކަމަށެވެ.
މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީގެން، އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރޭވިފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެ ކަމަށާއި މިވަގުތު މާކެޓްގައި ކާށީގެ އަގު ހުރީ 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައިކަން ވެސް އެ ކުންފުނިން ފާހަގަ ކޮށްފައިވެއެވެ.
އެގޮތުން އެސްޓީއޯއިން އެތެރެކުރި ފުރަތަމަ ބެޗްގެ ކާށި މިހާރު އިންޑިއާއިން ރާއްޖެއަށް ގެނެވިފައިވާ ކަމަށާއި މި ކާށިތައް މާދަމާ އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ވިއްކަން ފެށޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެސްޓީއޯއިން މިފަހަރު ކާށި ވިއްކުމަށް ކަނޑައަޅާފައިވާ އަގަކީ 5 ރުފިޔާއެވެ.
މީގެއިތުރުން އެސްޓީއޯއިން ގެނައި ލުނބޯވެސް މާދަމާއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބެން ހުންނާނެއެވެ.
އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ:
° އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
° ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
° ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
° ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ




