މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުދަ ދުވަހު މަސްކިރުވި 48 މަސްދޯންޏަކަށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މި ފައިސާ ދޫކޮށްފައި ވަނީ އިއްޔެ ހެނދުނު 10:30 އާއި މެންދުރު 12:30 އާ ދެމެދުގައެވެ.
މި 48 މަސްދޯންޏަށް ޖުމްލަ 7.65 މިލިއަން ރުފިޔާ ދޫކޮށްފައިވާނޭ ކަމަށާއި މިއީ މި މަހުގެ 12 ވަނަ ދުވަހު މިފްކޯގެ ސެންޓަރުތަކަށް ކިރުވި މަހަށް ދޫކުރި ފައިސާކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މީގެއިތުރުން، މިފްކޯއިން ބުނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފިޔަވައި އެހެން ބޭންކުތަކަށް ކުރަންޖެހޭ ޓްރާންސްފަރތައް ޖެހިގެން އަންނަ ބޭންކިންގ ދުވަހުގެ ހަވީރު 4:30 ގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަމަށްވާ، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ މަސައްކަތް ތެރެއިން މިމަސައްކަތް ކުރިއަށް ގެންދާއިރު، މިއުސޫލުގެ ދަށުން މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމުން މަސްވެރިކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަށް މަސްވެރިކަން ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، ސަރުކާރުން ދަނީ މިފްކޯއަށްވެސް ގިނަ ބަދަލުތަކެއް ގެންނަމުންނެވެ.


