ޝޫޓިން ސްޕޯޓްސްގެ ދާއިރާއިން އޭޝިއާ ފެންވަރުގެ މުބާރާތަކުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރިހި މެޑެލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ބެންކޮކުގައި ބޭއްވުނު އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕުގެ ޖޫނިއަރ އިންޑިވިޖުއަލް ކެޓެގަރީގެ ފައިނަލުގައި، 15 އަހަރުގެ އީޝަލް ވަނީ 229.2 ޕޮއިންޓް ހޯދައި ރިހި މެޑެލް ހާސިލުކޮށްފައެވެ.
މިއާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޢިއްޒު ވަނީ ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް، ދިވެހިރާއްޖެއަށް ރިހިމެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި އީޝަލް 21 ޤައުމެއްގެ ޝޫޓަރުންގެ މައްޗަށް ކުރި ހޯދާފައިވާ ކަމަށެވެ.
މިމުބާރާތުގައި އީޝަލް ވަނީ އެއަރ ޕިސްޓަލް ކެޓަގަރީން 517 ޕޮއިންޓް ހޯދައިގެން ޝޫޓިންގެ އައު ގައުމީ ރިކޯޑެއްވެސް ޤާއިމުކޮށްފައެވެ.
ތިން މަސްދުވަހުގެ ތަމްރީނަކަށް ފަހު އީޝަލް މިމުބާރާތް ކާމިޔާބު ކޮށްފައި ވަނީ އެކި ގައުމުތަކުގެ 19 ވާދަވެރިންގެ ތެރެއިން އެންމެ މޮޅު އަށް ކުޅުންތެރިންގެ ތެރެއަށް ގޮސްގެންނެވެ.
މި މުބާރާތުގެ މިކްސްޑް ޓީމު ޖޫނިއަރ ބައިގެ ފައިނަލުގައި އީޝަލް އާއި މޫސާ ނުޢައިމް ހުސައިން ވާދަކޮށްފައިވީ ނަމަވެސް އެ މުބާރާތުގައި އެޓީމް ބަލިވެފައި ވަނީ އެންމެ ޕޮއިންޓެއްގެ ކުޑަ ތަފާތަކުންނެވެ.




