ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމަށް ނިންމާފައިވާ އެއްބަސްވުމުގެ ދަށުން، ހަމާސްއިން ހައްޔަރު ކޮށްފައިވާ އިޒްރޭލުގެ ތިން ސިފައިންގެ ބަދަލުގައި 369 ޣައްޒާގެ ހައްޔަރީން މިއަދު މިނިވަން ކުރަން ނިންމާފައިވާ ކަމަށް އިޒްރޭލުން ބުނެފިއެވެ.
އެއްބަސްވުމުގެ ދަށުން ޣައްޒާއިން އިޒްރޭލު ސިފައިން ފައިބާ، ހައްޔަރުކޮށްފައި ތިބި މީހުން މިނިވަން ކުރުމުގެ އިތުރުން ހަނގުރާމަ ހުއްޓާލުން ވެސް ހިމެނެއެވެ.
ނަމަވެސް އެ އެއްބަސްވުމަށްފަހު ވެސް އިޒްރޭލުން ވަނީ ފަލަސްތީނުގެ ދެކުނު އައްސޭރިއަށް ހަމަލާތަކެއްދީ އެ ޤައުމުގެ ބައެއް ރައްޔިތުން ގަތުލު ކޮށްފައެވެ. އެކަމުގެ ސަބަބުން ހަމާސް ޖަމާޢަތުން ވަނީ ހައްޔަރުކޮށްފައިތިބި އިޒްރޭލު ސިފައިން މިނިވަން ކުރުން މިދިޔަ ހޮނިހިރު ދުވަހު ވަގުތީ ގޮތުން ހުއްޓާލައިފައެވެ.
ހަމާސްއިން އެފަދައިން ނިންމުމުން އިޒްރޭލު ސަރުކާރުން ވަނީ އެކަމާ ނުރުހުންފާޅުކޮށް، ހައްޔަރުކޮށްފައިތިބި މީހުން ދޫކޮށްނުލައިފިނަމަ ހަނގުރާމަ އަނެއްކާވެސް ފަށާނެ ކަމުގެ އިންޒާރު ދީފައެވެ. އެހެންކަމުން ދުބާއީ އާއި އުރުދުންގެ ސަރުކާރާއެކު މަޝްވަރާ ކުރުމަށްފަހު ހަމާސް ޖަމާޢަތުން އިއްޔެ އިއުލާނު ކޮށްފައިވަނީ ހައްޔަރުކޮށްފައިތިބި އިޒްރޭލު ސިފައިންގެ ތެރެއިން ތިން މީހަކު މިއަދު މިނިވަން ކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި އިޒްރޭލުން ހައްޔަރުކޮށްފައިވާ ޣައްޒާގެ 369 ރައްޔިތަކު މިނިވަން ކުރާނެ ކަމަށް އެ ޤައުމުން ވެސް ބުނެފައިވެއެވެ.
ހަމާސްއިން ހައްޔަރުކުރި އިޒްރޭލު ރައްޔިތުންގެ އަދަދަށްވުރެ، އިޒްރޭލުން ހައްޔަރުކުރި ޣައްޒާގެ ރައްޔިތުން ނިސްބަތުން ވަރަށް ގިނައެވެ.
މީގެއިތުރުން ހަމާސްއިން މިއަދު ބުނީ، ހަނގުރާމަ ހުއްޓާލަން ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދެވަނަ މަރުހަލާއާ ގުޅޭގޮތުން މިއަދު އިޒްރޭލާއެކު ނުސީދާ މަޝްވަރާތަކެއް ކުރަން ފަށާނެ ކަމަށެވެ.



