ސާފުތާހިރުކަމުގެ ރީތި އާދަތައް އަށަގެންނެވުމަށާއި، ޖެހުނު ކޮންމެ ތަނަކަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިންތަކަށާއި، ކުނި އަޅަން ޚާއްސަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓު އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ”ރޯދަ ސާފު“ ހަރަކާތުގައި، ވަރަށް ފޯރީގައި މާލެއެކޭ އެއް ގޮތަށް އަތޮޅުތެރޭގައި ހުރި ޕަބްލިކް ވާރކްސް ޔުނިޓުތަކުންނާއި، ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް ބައިވެރިވަމުންދާކަން ފާހަގަކުރައްވައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިނިސްޓަރ އާދަމް ޝަރީފު ކުރެއްވެވި މި ޕޯސްޓްގައި ”ރޯދަ ސާފު“ ޙަރަކާތުގައި ބައިވެރިވެލެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވައި ވިދާޅުވެފައިވަނީ ސާފުތާހިރުކަމުގެ ރީތި އާދަތައް އަށަގެންނެވުމަށާއި، ޖެހުނު ކޮންމެ ތަނަކަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިންތަކަށާއި، ކުނި އަޅަން ޚާއްސަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
އެވޭލާ ޒަމާނުން ފެށިގެން ރޯދައަށް ގޯތިގެދޮރު ސާފުކޮށް، ގޯތިގެދޮރުގެ އާބާތުރަފިލުވުމަކީ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. ދިވެހިންގެ ސަޤާފަތުގެ ރީތި އާދައެއް ވެސް މެއެވެ.
މި އިވެންޓަކީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓު އެންޑް ޕަބްލިކް ވޯކްސް ގުޅިގެން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިއަދު ފަށާފައިވާ ޚާއްސަ ހަރަކާތެކެވެ.



