ސަރުކާރުން އިސްނަގައިގެން ފަށާފައިވާ ”ރޯދަ ސާފު“ ޕްރޮގްރާމްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ އެކި ޑިޕާޓްމަންޓުތަކުން 500 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެއްޖެއެވެ.
މި ޕްރޮގްރާމަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޙަރަކާތުގައި އެމް.އޭ.ސީ.އެލްގެ ޓީމްތަކުން ސާފު ކުރަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެކި ސަރަހާއްދުތައް ކަމުގައި އެމްއޭސީއެލް އިން ބުނެފައިވެއެވެ.
މިއީ ފަސިންޖަރުންނާއި މުވައްޒަފުންނަށް ހިތްހަމަޖެހޭ މާހައުލެއްގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭއްވުމަށް ކުރެވޭ މަސައްކަތެކެވެ.

އެމް.އޭ.ސީ.އެލްއިން އަބަދުވެސް އެއަރޕޯޓް ސާފު ކުރުމުގެ ހަރަކާތްތައް ”ގްރީން އެއަރޕޯޓް“ އިނިޝިއޭޓިވްގެ ދަށުން އަހަރުގެ އެކި ދުވަސްވަރު ކުރިޔަށް ގެންދެއެވެ.
އެވޭލާ ޒަމާނުން ފެށިގެން ރޯދައަށް ގޯތިގެދޮރު ސާފުކޮށް، ގޯތިގެދޮރުގެ އާބާތުރަފިލުވުމަކީ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ސަރުކާރުން އިސްނަގައިގެން މިއަދު ފެށި މި ހަރަކާތުގައި ވަރަށް ގިނަ މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ.




