ފަނޑިޔާރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ދިވެހި ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުންކަމަށް އުއްތަމަފަނޑިޔާރު ޑރ މުއުތަސިމް އަދުނާނު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ރާއްޖޭގެ ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަނު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ އިޚުލާސްތެރިވުމަކީ ފަނޑިޔާރުންނަށްވެސް ވަރަށް މުހިއްމު ސިފައެއް ކަމަށާއި އެގޮތުން އަމިއްލަ ނަފްސަށާއި، ދީނާއި، ޤައުމަށްވެސް އިޚުލާސްތެރިކަން އިސްކުރައްވަން ޖެހޭނެކަމަށެވެ.
”ފަނޑިޔާރުންގެ އެންމެ ބޮޑު ޒިންމާއަކީ ދިވެހި ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުން. އެކަން ކުރެވޭނީ ޤާނޫނުގެ ވެރިކަން ދަމަހައްޓައިގެން“ އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ދިވެހި ދައުލަތުގެ މަސްލަޙަތަކީ ދިވެހި ރައްޔިތުންގެ މަސްލަޙަތު ކަމަށާއި ބާރުތައް ފެށެނީ އަދި ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށް ޤާނޫނުއަސާސީގައި ބުނާ ކަމަށެވެ. އަދި ދިވެހި ދައުލަތުގެ މަސްލަޙަތަކީ ވަކި މީހެއްގެ މަސްލަހަތެއް ނޫން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



