ރަސްފަންނު ބީޗު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައި، ދެތިން މަސް ތެރޭ ނިންމާލެވޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
”އީގަލްސް ކޮމިއުނިޓީ – އެންމެން އެކުގައި ސާފުކުރަމާ“ ގެ ނަމުގައި ހަކަރާތެއް ފެށުމަށް ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ ރަސްފަންނުގެ ހާލަތު ބެއްލެވުމަށް މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު އަރީޝާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހަސަން ނިޒާމްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހީމް އަބޫބަކުރު ވަޑައިގެންނެވި ކަމަށެވެ.
އެގޮތުން މޭޔަރު އާޒިމް ވިދާޅުވީ އެތަނުގެ އެސެސްމަންޓެއް ހަދައި، ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި ރަސްފަންނަކީ މާފަންނުގެ ގިނަ ބަޔަކު ބޭނުންކުރާ ތަނަކަށް ވާތީ، އެތަން އަވަހަށް ހެދުމަށް ގިނަ ޕްރެޝަރުތަކެއް ހުރި ކަމަށެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ރަސްފަންނުގެ ތަރައްގީގެ މަސައްކަތް ފަށައި ދެއްވުމަށް އެދި މަޝްވަރާކުރެއްވި ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
ރަސްފަންނު މަރާމާތިލު ކުރުމުގެ މަސައްކަތުގެ ތެރެއިން، އެއްބައި މަސައްކަތް ހަވާލުކޮށްފައި އޮތީ ކޮންޓެރެކްޓަރާ ކަމަށްވިޔަސް އެ މަސައްކަތް އެދެވޭ ގޮތުގައި ކުރިއަށް ނުދާތީ އެ މަސައްކަތް މާލެ ސިޓީ ކައުންސިލަށް މިހާރު ބަދަލުކޮށްފައިވާކަން ވެސް އާޒިމް ފާހަގަ ކުރެއްވިއެވެ.
”މިއަދު މިވަނީ އެމަސައްކަތް ކުރުމަށްޓަކައި ކޮންޓެރެކްޓަރާ ހަވާލުކުރެވި، މިހަފުތާ ތެރޭގައި އެ މަސައްކަތް ފެށިގެން ދާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ، މިތަން އެއްކޮށް، ހަދައި، މަރާމާތުކޮށް، ދެނެއް ވީރާނާވަކަށް އަޅުގަނޑުމެނެއް ދޫނުކޮށްލާނެ ކަން.“ މޭޔަރު އާޒިމް ވިދާޅުވިއެވެ.
އެތަން ތަރައްގީކޮށް ނިމުމުން ވެސް، ބޭނުންކުރާ މީހުން ގެއްލުން ނުދިނުން މުހިންމުކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.



