މިނިސްޓަރުންނާ ސުވާލުކުރުމަށް ފުރުސަތު ހުޅުވާލައިގެން ”އަހާ“ގެ ނަމުގައި ބާއްވާ އާންމުފޯރަމްތަކުގެ ސިލްސިލާ ފޯރަމެއް ދައުލަތުގެ މީޑިޔާގެ ސްޓޫޑިއޯގައި މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ފޯރަމަކީ ރައީސް އޮފީހާއި ޕަބްލިކްސަރވިސް މީޑިޔާ (ޕީ.އެސް.އެމް) ގުޅިގެން ބާއްވާ ފޯރަމެކެވެ.
މިރޭ ބާއްވާ މިބފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ތިއްބަވާނީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް، މިނިސްޓަރ އޮފް ސޯޝަލް އެންޑް
ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް، އަދި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދުއެވެ.
މިފޯރަމްގައި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު މިނިސްޓަރުންގެ ފަރާތުން ރައްޔިތުންނަށް ދެއްވައި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ފުރުސަތު ހުޅުވާލާނެއެވެ.
މިކަމަކީ ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށާއި، ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެކެވެ.
މި ފޯރަމަކީއާންމުންނަށް އެތަނަށް ވަޑައިގެން ބައިވެރިވެވޭގޮތަށް އަދި ފޯރަމް ހިނގަމުންދާ ވަގުތު ސޯޝަލްމީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމް އޮންނާނީ މިރޭ 9 ޖަހާއިރު ޕީ.އެސް.އެމް ގައެވެ.



