ކޮލެޖުތަކުގައި ކިޔަވާދޭއިރު ކިޔަވައިދެނީ ކަނޑައަޅާފައިހުރި މިންގަނޑުތަކަށް، ކޮލިފިކޭޝަންގެ ތެރެއިންތޯ ޔަޤީންކުރާ ކަމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ހައިދަރު ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ހައިދަރު މިހެން ވިދާޅުވީ، ރޭގައި ބޭއްވި ”އަހާ“ ފޯރަމްގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރ ހައިދަރު ވިދާޅުވީ، ޚާއްޞަކޮށް އަމިއްލަ ކޮލެޖުތަކުގައި ކިޔަވައިދޭއިރު ކިޔަވައިދެނީ ކަނޑައަޅާފައިހުރި މިންގަނޑުތަކަށް، ކޮލިފިކޭޝަންގެ ތެރެއިންތޯ ބަލައިކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
”މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އަބަދުވެސް ކޯހެއް ފެށުމުގެ ކުރިން، އަދި ކޯސް ނިމޭއިރުވެސް ޔަޤީންކުރަން، އެ ކޯހުގައި ކިޔަވައިދެވެނީ ރަނގަޅަށްތޯއާއި ކިޔަވައިދެވުނީ ކަނޑައެޅިފައިވާ މިންގަނޑުތަކަށްތޯ“ މިނިސްޓަރ ވިދާޅުވިއެވެ.
އެހެންނަމަވެސް އެކަންކަން ޔަޤީންކުރުމުގައި ބައެއް ކަހަލަ ގޮންޖެހުންތައް ހުރިކަމަށާއި އެގޮންޖެހުންތަކުން އަރައިގަނެގެން، ކޮލެޖުތަކުން ކިޔަވައިދެނީ ކަނޑައަޅާފައިހުރި މިންގަނޑުތަކަށް، ކޮލިފިކޭޝަންގެ ތެރެއިންތޯ ބަލައިކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



