ރާއްޖޭގައި މިހާރު އެންމެ އަމާނާތްތެރިކަމާއެކު ހިނގަމުންދާ މުއައްސަސާއަކީ ޒަކާތު ހައުސް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ރޭ ބޭއްވުނު ”އަހާ“ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ޒަކާތު ހައުސްގެ މަސައްކަތްތަކާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި ޒަކާތު ހައުސްއަކީ އެންމެ އަމާނާތްތެރިކަމާއެކު ހިނގަމުންދާ މުއައްސަސާ ކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން އެ ތަނުގެ އަގު ވައްޓާލުމަށް އެކި ވާހަކަތައް ދައްކަމުންދާކަން ފާހަގަކުރެއްވާ މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖޭގައި އެންމެ އަމާނާތްތެރިކަމާއެކު ހިނގަމުންދާ އެއް މުއައްސަސާއަކީ ޒަކާތާބެހޭ އިދާރާކަމާމެދު އަޅުގަނޑަށް ޝައްކެއް ނެތް ކަމަށެވެ.
”ދިވެހިރާއްޖޭގެ މުއްސަނދިންނަށް އަޅުގަނޑު ދަންނަވާނީ މިއީ ތިޔަ ބޭފުޅުންގެ ޒަކާތު ހައުސްއޭ. މުއައްސަސާގެ އަގު ވައްޓާލަން ބައެއް މީހުން މަސައްކަތް ކުރާނެ,“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، މިނިސްޓަރު ޝަހީމް ވިދާޅުވީ ޒަކާތު ހައުސްގެ މަސައްކަތްތަކާއެކު، މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރު ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަން މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ޒަަކާތު ހައުސް ގާއިމުކޮށްފައި ވަނީ ޒަކާތުގެ ދާއިރާ ހަރުދަނާކުރުމުގެ މަގުސަދުގައެވެ. އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ހިންގާ ޒަކާތު ހައުސް ސަރުކާރުން ގާއިމު ކޮށްފައިވާ 2023 ވަނަ އަހަރުގެ ޑިސެމްބަރު 18 ގައެވެ. ނަމަވެސް ރަސްމީކޮށް ޒަކާތް ހައުސް އިފްތިތާހުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ 2 ގައެވެ.



