ޤައުމީ އިނާމާބެހޭ ކޮމިޓީއިން މިއަދު ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މީގެ އިތުރުން، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާކަން ވެސް އެ ކޮމިޓީއިން ހާމަކޮށްފައިވެއެވެ.
މި އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 2025 މާރިޗު 18 ވާ އަންގާރަ ދުވަހުގެ ދުވަހުގެ މެންދުރުފަހު 1:00 އަށެވެ. ނަން ހުށަހެޅޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ”ފޯމު ހުށަހެޅުން“ ޕޯޓަލް (http://apply.presidency.gov.mv) މެދުވެރިކޮށްކަން ވެސް ކޮމިޓީއިން ފާހަގަކޮށްފައިވެއެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، އިޚްލާޞްތެރިކަމާއެކު ޤާބިލުކަން ދައްކުވައިދީފައިވާ ފަރާތްތަކަށް ދެވޭ ޝަރަފުވެރި އިނާމެކެވެ. މި އިނާމުގެ ގޮތުގައި ރައީސް ޑރ. މުޢިއްޒު އިބްރާހީމް ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.
ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުނިތަކުގައި މަސައްކަތްކުރާ ނުވަތަ ކުރި މުވައްޒަފުންނަށް މި އިނާމަށް ކުރިމަތިލެވޭނެއެވެ. އަދި މުއައްސަސާތަކުންނާއި، ކުންފުނިތަކުންނާއި، އެހެނިހެން ފަރާތްތަކުން އަދި އަމިއްލައަށް ވެސް މި އިނާމަށް ނަން ހުށަހެޅިދާނެއެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީއިން ވަނީ އިނާމަށް ކުރިމަތިލާ ފަރާތްތަކުން ހުރިހާ މަޢުލޫމާތުތަކެއް ފުރިހަމަކޮށް، ކަމާބެހޭ ލިޔެކިޔުންތަކާއެކު ފޯމު ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ބޭނުންވާ ރެކޯޑުތައް ހޯދުމުގެ މަސައްކަތް ދުރާލާ ފެށުމަށާއި، އެންމެފަހު ވަގުތާ ހަމައަށް މަޑުނުކުރުމަށް ވެސް އެ ކޮމިޓީއިން އެދިފައިވެއެވެ..




