މިދިޔަ ހަފްތާގައި މަސްވެރިންނަށް މިފްކޯއިން 34.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިފްކޯއިން ފެބްރުއަރީމަހުގެ ދެވަނަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް ދޫކޮށްފައިވާ ފައިސާ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 10.8 އިންސައްތަ އިތުރު އަދަދެކެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި 31.3 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް މިފްކޯއިން ވަނީ ޖުމްލަ 117 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.
މިދިޔަ ބުދަ ދުވަހަކީ ފަހުގެ ތާރީޙެއްގައި އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސް ކިރުވި ދުވަހެވެ. އެގޮތުން އެދުވަހު 546 ޓަނުގެ މަސް ކިރުވާފައިވެއެވެ. އަދި އެދުވަހު، މިފްކޯއިން ވަނީ މަސްވެރިންނަށް 48 ދޯންޏަކަށް 7.6 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ.
މަސްވެރިންނަށް މިފްކޯއިން ދޫކުރި ފައިސާގެ އަދަދު އިތުރުވެފައިވާއިރު، މިދުވަސްވަރަކީ ދެކުނުގައި މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅު ދުވަސްވަރެއްކަން އެކުންފުނިން ފާހަގަ ކޮށްފައިވެއެވެ.



