ރިސޯޓު ތަކުން އުފައްދާ ކުނި އުކާލުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފަށާފައިވާ ރިސޯޓް ކަލެކަޝަން ހިދުމަތާ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ގުޅިއްޖެއެވެ.
މިކަން އިއުލާނު ކުރުމަށް އެކްސްގައި ކުރި ޕޯސްޓެއްގައި ވެމްކޯ އިން ބުނީ ވެލާ ޕްރައިވެޓް އައިލެންޑް އަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމުގައި ނަމޫނާ މިސާލު ދައްކަމުންދާ ރިސޯޓެއް ކަމަށާއި، މިފަދަ ރިސޯޓަކުން މި ހިދުމަތާ ގުޅުމުން އުފާ ކުރާ ކަމަށެވެ.

”ފަތުރުވެށި“ ގެ ނަމުގައި ރިސޯޓު ތަކުގެ ކުނި ނެގުމުގެ ހިދުމަތް ވެމްކޯ އިން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ވެމްކޯ އިން ބުނި ގޮތުގައި މި ހިދުމަތް ފެށީ ރިސޯޓުތަކުން ވެމްކޯގެ ސަރަހައްދީ ޓްރާންސްފާރ ސްޓޭޝަންތަކައް ކުނި ގެންދިޔުމުގައި ދިމާތާ ދަތިތަކަށް ހައްލެއް ގެނެސްދިނުމުގެ މަޤްސަދުގައި ކަމަށެވެ. އަދި ރިސޯޓުތަކުގެ ކުނި މެނޭޖު ކުރުމުގެ ތެރޭގައި، ބައެއް ކުނި މޫދައް އެޅުން ފަދަ ތިމާވެއްޓަށް ގެއްލުންވާފަދަ ކަންކަންވެސް ފަތުރުވެށި ހިދުމަތުގެ ސަބަބުން ހުއްޓިގެން ދާނެ ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.
ވެމްކޯ އިން މި ހިދުމަތް ފެށި ފަހުން ގިނަ ރިސޯޓު ތަކަކުން އަންނަނީ މި ހިދުމަތުގައި ރަޖިސްޓްރީ ކުރަމުންނެވެ. އޭގެ ތެރޭގައި ކޮރަ ކޮރަ މޯލްޑިވްސް، އަލީލާ ކޮތާފަރު އަދި މަލަހިނި ކުޑަ ބަނޑޮސް ފަދަ ރިސޯޓުތައް ހިމެނެއެވެ. ވެމްކޯ އިން ލަފާކޮށްފައިވާ ގޮތުގައި އެ ކުންފުންޔަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނީ ރިސޯޓުތަކުން ކުނި ނަގައިގެންނެވެ. އަދި މި އަހަރުގެ މެދުތެރޭގައި ރާއްޖޭގެ 50 ޕަސެންޓް ރިސޯޓުތަކަށް މި ހިދުމަތް ދިނުމަކީ ވެމްކޯގެ އަމާޒު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.



