ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހައުސިންގް ޑިވެލޮޕްމަންޓް ކަޮޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ ”އެއްގެއިން އަނެއް ގެއަށް“ ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބު ލިބިއްޖެއެވެ.
”އެއްގެއިން އަނެއް ގެއަށް“ ހަރަކާތަކީ، ރަމަޟާންމަހާއި ދިމާކޮށް އިސްރާފު މަދުކުރުމާއި ރަށްވެހި ގުޅުން އާލާކުރުމަށް އެޗްޑީސީން އިސްނަގައިގެން މިމަހުގެ ފުރަތަމަ ދުވަހު ފެށި ހަރަކާތެކެވެ.
މި ހަރަކާތުގައި ގޭގެގައި ބޭނުންނުކޮށް، އެހެން ނަމަވެސް ބޭނުން ކުރެވޭ ޒާތުގައި ހުރި ތަކެތި، އެޗްޑީސީ މެދުވެރިކޮށް އެހެން ފަރާތްތަކަށް ހަދިޔާކުރެވޭނެއެވެ.
މިހާތަނަށް މި ހަރަކާތުގައި ގިނަ ފަރާތްތަކަކުން ބައިވެރިވެ، ގިނަ އަދަދަކަށް ތަކެތި ހަދިޔާކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. އަދި މިފަދަ ހަރަކާތެއް އެޗްޑީސީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔުމުން ގިނަ ބައެއްގއ ތައުރީފުވެސް އެ ކުންފުންޏަށް ވަނީ ލިބިފައެވެ.

އެގޮތުން މި ހަރަކާތަށް ތަކެތި ހަދިޔާކުރި އެއް ފަރާތަކުން ބުނެފައިވަނީ މިއީ އޭނާވެސް ކުރަން ވަރަށް ބޭނުންވެފައިވާ ކަމަކަށްވުމުން އެޗްޑީސީން އިއުލާނު ކޮށްފައިވާ ނަންބަރަށް ގުޅާލި ކަމަށެވެ.
”އަޅުގަނޑު ގުޅާފަ، އެއްޗެއް އެގޮތަށް ހަދިޔާ ކުރަން ބޭނުމޭ ބުނީމަ، އެޗްޑީސީން ޓީމެއް އައިސްފަ ބަލައިލީ އެ އެއްޗަކީ އެހެން މީހަކަށް ބޭނުންކުރެވޭފަދަ އެއްޗެއްތޯ. ބޭނުންކުރެވޭ ގޮތަށް ހުރި އެއްޗެއްވީމަ އެބޭފުޅުން އޭތި ގެންދިޔަ. އަޅުގަނޑު ބޭނުންވީ އައު ކޮށްލަން. ހަދިޔާކުރި އެއްޗަކީ ހަލާކުވެފައިނުވާ އެއްޗެއްވީމަ، އެއްލާލުމުގެ ބަދަލުގައި އެހެން މީހަކަށް ހަދިޔާ ކުރެވުނީމަ ވަރަށް އުފާވޭ“ އޭނާ ބުންޏެވެ.
މިހަރަކާތުގެ ދަށުން ތަކެތި ލިބުނު އާއިލާއެއްވެސް ވަނީ ވަރަށް ބޮޑަށް އެޗްޑީސީއަށް ތައުރީފުކޮށްފައެވެ. އެގޮތުން އެއް އާއިލާއަކުން ބުނީ، އެޗްޑީސީން ފެށި މި ޕްރޮގްރާމަކީ ވަރަށް ރަނގަޅު ޕްރޮގްރާމެއް ކަމަށާއި ރަމަޟާން މަހު ބޭނުންކުރެވޭނެ ތަކެތި، އަތުން ޚަރަދަކާ ނުލައި ލިބުމުން މިއީ ލިބުނު ބޮޑު ލުޔަކާއި އުފަލެއް ކަމަށެވެ.
”އެއްގެއިން އަނެއްގެއަށް“ ހަރަކާތުގެ ދަށުން ތަކެތި ހަދިޔާ ކުރުމަށް އެޗްޑީސީގެ 7412111 ނަންބަރަށް ގުޅާލުމަށް އެކުންފުނިން ވަނީ އެދިފައެވެ.



