ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސ. ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށް އައްޑޫ ސިޓީއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.
ބީއެމްއެލް އިން ރޭގައި ހުޅުވި އެ އޭޓީއެމްއިން 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމުގައި އެ ބޭންކުން ވަނީ ބުނެފައެވެ.
ޑޮލަރު އޭޓީއެމްގެ އިތުރުން ހިތަދޫ ބްރާންޗުގައި މިހާރުވެސް ބީއެމްއެލް އިން ދެ އޭޓީއެމް ގާއިމްކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް އޭޓީއެމް ހާއްސަ ކުރެވިފައިވަނީ ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތަށެވެ. ދެވަނަ އޭޓީއެމްއަކީ ފައިސާ ނެގުމަށް ހާއްސަކުރެވިފައިވާ އޭޓީއެމްއެކެވެ.
އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޑޮލަރު އޭޓީއެމްއެއް ގާއިމު ކުރުމަކީ އައްޑޫ ސިޓީގައި ޑޮލަރު މުއާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް އެ ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.
”އިސްލާމިކް ބޭންކިން ހިދުމަތަށް އިސްކަންދިނުމަށް ގަމު ބްރާންޗަށް ދާދި ފަހުން މި ގެނެވުނު ބަދަލާއި އޭޓީއެމްގެ ހިދުމަތް ފުޅާކުރުމާއެކު، ބޭންކުން މި ދަނީ އައްޑޫ ސިޓީގައި ބޭންކުގެ ބައިވެރިވުން އިތުރަށް ހަރުދަނާ ކުރަމުން.“ ޝަރީފު ވިދާޅުވިއެވެ.
އައްޑޫ ސިޓީއަށް ޑޮލަރު ޚިދުމަތް ތައާރަފްކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 151 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަގައި އެ ބޭންކުން ބުނެފައިވެއެވެ.




