ނިމިދޔަ ސަރުކާރުތެރޭ ނުހިނގާ ވައްކަމެއް މަދުވާނެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ފަލާހު ވިދާޅުވީ އަޅުގަނޑުމެންނަށް މިފަހުގެ ތާރީޚެއްގައި ކުރިމަތިވީ އެންމެ ބޮޑު ވަބާއަކީ ކޮވިޑް-19ގެ ބަލިމަޑުކަން ކަމަށާއި އެ ބަލިމަޑުކަމުގެ ތެރޭގައި އެމްޑީޕީ ވެރިކަމުގައި ހިންގި ވައްކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަމަށެވެ.
އެގޮތުން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށް، ދުބާއީގައި ”އުފަންވެސް ނުވާ“ ކުންފުންޏަކަށް ގަންނަން ދިން ކަމަށާއި ދިވެހި ދައުލަތުން 33 މިލިއަން ރުފިޔާ ކުރީ ސަރުކާރުން ”ރޯމާ ދުވާލު ކާލީ“ ކަމަށް ފަލާހު ތުހުމަތު ކުރެއްވިއެވެ.
”އެ ސަރުކާރު ތެރޭގައި އަޅުގަނޑު ދަންނަވާނީ ނުކުރާ ވައްކަމެއް މަދުވާނޭ. އެހެންނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކަށް މާބޮޑުކަމެއް ނުކުރެވުނު.“ މެންބަރު ފަލާހް ވިދާޅުވިއެވެ.
މެންބަރު ފަލާހު ވިދާޅުވީ ކުރީ ސަރުކާރުން ހިންގާފައިވާ ޖަރީމާތަކާއި ކޮށްފައިހުރި ވައްކަންތައް ވަރަށް ރަނގަޅަށް ބަލަން އޭސީސީއަށް ގޮވާލައްވާ ކަމަށާއި އޭސީސީއަކީ މުހިންމު މުއައްސަސާއެއް ކަމަށެވެ.
މީގެއިތުރުން މެންބަރު ފަލާހް ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި މޯގޭޖު ކުރަމުންގޮސް ސްކޫލުތައް ވެސް މޯގޭޖު ކޮށްފައިވާ ކަމަށެވެ. އަދި ސްކޫލުތައް މޯގޭޖު ކުރުމަށްފަހު އެންމެ ފަހުން ވެރިކަން ނިންމާލާފައި އެމްޑިޕީން ދިޔައީ ޤައުމުގެ މިނިވަންކަންވެސް މޯގޭޖު ކޮށްފައި ކަމަށް މެންބަރު ފަލާހު ތުހުމަތު ކުރެއްވިއެވެ.



